ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސްޕެއިންގް ސެލްޓަ ވީގޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަންވެސް ސެލްޓަ އިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ސެލްޓަގެ ޖާޒީގައި ރާއްޖެ އިޝްތިހާރު ކުރުމަށް އިއްޔެ އެއްބަސްވިއިރު، ސްޕެއިންގެ ވީގޯގައި ހުންނަ ސެލްޓާގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބައްސާމް ވިދާޅުވީ ތިން އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް އެ ކްލަބުތަކުގެ ޓްރެއިނިން ފެސިލިޓީސްތައް ބޭނުން ކުރެވޭނެ މަގު ފަހިވެގެން ދާނެ ކަމަށެވެ. އަދި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ކޯޗުން ތަމްރީން ކުރުމާއި ސެލްޓަގެ އެކަޑަމީގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންވާ ކުޅުންތެރިން ތިބެ ތަމްރީންވުމުގެ ފުރުސަތުވެސް ފަހިކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި އެންމެ މުހިންމު ކަމަށް އޮފް ސީޒަނުގައި ރާއްޖޭގެ ސީނިއާ ޓީމު، ސެލްޓަގައި ކޭމްޕް ކުރާގޮތަށް ވެސް މަޝްވަރާކުރެވުނު ކަމަށާއި، ކޭމްޕްކުރާއިރު ސެލްޓަގެ ސީނިއާ ޓީމާއެކު މެޗެއް ކުޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވާ ގައުމީ ފުޓްބޯޅަ އެކަޑަމީ ހެދުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު އެކަޑަމީއަކާއި ގުޅިގެން ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ. ބައްސާމް ވިދާޅުވީ މި އެކަޑަމީއަށްވެސް ސެލްޓާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ސެލްޓަ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިޝްތިހާރާއެކު ސެލްޓަ ވީގޯއިން ފުރަތަމަ ކުޅޭނީ ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެކޮޅަށެވެ. މިމަހުގެ 10 ވަނަ ދުވަހު އެ މެޗު ކުޅޭނީ ބާސެލޯނާގެ ކޭމްޕް ނޯ ދަނޑުގައެވެ.