ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ މައްސަލައިގައި ޒާތީވެގެން މަސައްކަތް ނުކުރުމަށް ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފަށް ނަސޭހަތްތެރިވާ ކަމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ހީނާ ވިދާޅުވީ ކޮމިޝަނަރު އޮފް ސްޕޯޓްސް ކުރަމުންދާ މަސައްކަތަކީ ފާލުން ނައްޓާލުމުން ފާލަށް އެޅުވުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި މި ކަމުގައި ޒާތީގެން މަސައްކަތް ނުކުރުމަށް ގޮވާލާ ކަމަށެވެ.

ކޮމިޝަނަރުގެ ހައިސިއްޔަތުން ލަތީފް އާއި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއީ ގާތް ރައްޓެއްސަކަށްވާއިރު ކޮފީ މޭޒުން ނާއި ކޮމިޝަނަރުގެ އޮފީހުގައި ވެސް ލަތީފް އާއި އެތައް ފަހަރު ބައްދަލުކޮށް މަޝްވާކުރި ކަމަށް ހީނާ ވިދާޅުވިއެވެ.

އަޅުގަނޑު އެތައް ފަހަރަކު ލަތީފް އާއި މަޝްވަރާކުރިން މި މައްސަލަ ރަނގަޅުގޮތުގައި ލަތީފް އާއި ގުޅިގެން ކުރިޔަށްގެންދިޔުމަށް. އެކަމަކު މީޑިއާގައި ވާހަކަ ދައްކާއި ގޮތާއި އަޅުގަނޑުމެން ކައިރި އައިސް ދައްކާ ވާހަކަ ވަރަށް ތަފާތު. އަޅުގަނޑާއި އެއްވެސް މީހަކާއި ޒާތީކަމެއް ނެތް. ވީއޭއެމްގެ ކަންތައްތައް ގޯސްމަގުން ގޮސްފައިވާތީ އެކަން ރަނގަޅު ކުރުމަށް ކުރަމުންދާ ކަމެއް މި ކުރަނީ
ސަލީމް

ލަތީފްގެ ދައުރުގައި ވަރަށް ގިނަ ކަންތައް އިސްލާހުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އަދި ކަންތައްތަކެއް ރަނގަޅު ކުރި ނަމަވެސް ވޯޓްލެވޭ އެއްމެ ކްލަބަކަށްވެ، ދެ މީހުން ދެކޮޅުގައި ތިބެގެން ވީއޭއެމްގެ އަހަރީ ޖަލްސާ ބާއްވާ ހިސާބަށް ކަންކަން ދިޔުމުން ކޮމިޝަނަރުގެ ޒިންމާ އެކަމުގައި އޮންނާނެ ކަމަށް ހީނާ ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެއްވެސް ކުޅިވަރެއް އެއްމެ މީހެއްގެ އަތްމަށްޗަށް ދީގެން އެ މީހަކު ހިތުހުރި ގޮތަކަށް އެސޯސިއޭޝަނާއި ކްލަބުތަކަށް ހަދަން ދީގެން ނުތިބެވޭނެ ކަމަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗު ބުންޏެވެ.

ވީއޭއެމްގެ އިންތިހާބު ބޭއްވުމަށް ކުލަބުތަކުން މަސައްކަތް ކުރަމުންދާއިރު އެފްއައިވީބީ އިން އެކަން ގަބޫލުނުކޮށްފި ނަމަ އަމަލު ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން ހީނާ ސަލީމް ވިދާޅުވީ މިހާރު މިދާ ގޮތަށް އެކަން ގަބޫލު ނުކުރާނެ ކަމަށް ހީނުވާ ކަމަށެވެ. މީގެ ކުރިން ވެސް މައްސަލަތަކެއް ކުރިމަތިވެގެން ދިޔައީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން ދޭން ޖެހޭ މައުލޫމާތުތައް އެފްއައިވީބީ އާއި ހިސާބަށް ނުފޮނުވިގެން ކަމަށް ހީނާ ސަލީމް ވިދާޅުވިއެވެ.

މިހާރު އިންތިހާބުގެ ކަންތައް ކުރިޔަށްދަނީ އެމްއޯސީ އާއެކު ކަމަށާއި އެހެން ކަމުން ދޭން ޖެހޭ ރަނގަޅު މައުލޫމާތުތައް އެފްއައިވީބީއަށް މިހާރު ލިބެމުންދާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ވީއޭއެމް އިންތިހާބީ ރައީސް މުޙައްމަދު ލަތީފާއި ހަވާލު ކުރުމަށް އެފްއައިވީބީ އިން އަންގާފައިވާއިރު އެ މަގު ހިޔާރު ނުކުރަނީ ކީއްވެތޯ އެހުން ކޮމިޝަނަރު ވިދާޅުވީ އެމްއޯސީއަށް އަދި ކޮމިޝަނަރު ވެސް ރަސްމީކޮށް އެފަދަ ލިޔުމެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ކޮމިޝަނަރު މިގެން ވިދާޅުވި ނަމަވެސް ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ބަދަލުގައި، މުއާމަލާތް ކުރައްވާނީ ވީއޭއެމްގެ އިންތިޚާބީ ރައީސް މުހައްމަދު ލަތީފްއާ ކަމަށް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނަށް އޭވީސީން ވެސް މީގެ ކުރިން ވަނީ އަންގާފައެވެ. އޭވީސީން މިގޮތަށް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނަށް އެންގީ އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ބެއްވުމުގެ ފުރުސަތު މިފަހަރު ބަންގްލަދޭޝްއަށް ދީފައިވާތީއެވެ.

މީގެ ކުރިން ކޮމިޝަނަރު އޮފް ސްޕޯޓްސް އިން އެކުލަވާލި ނޯމައިޒޭޝަން ކޮމިޓީއަކީ ސައްހަ ކޮމިޓީއެއް ނޫންކަމަށް އެފްއައިވީބީން ވަނީ އަންގާފައެވެ.