އޭޝިއަން ޝޫޓިން ކޮންފެޑެރޭޝަން (އޭއެސްސީ) ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު ޒާހިރު އިންތިޚާބު ކޮށްފިއެވެ.

އޭނާ މި ބޯޑަށް އިންތިޚާބުކޮށްފައި މިވަނީ ކުރިއަށް އޮތް ހަތަރު އަހަރަށެވެ. މިއީ މި ބޯޑަށް ރިޓަޔަރޑް މުޙައްމަދު ޒާހިރު އިންތިޚާބުވި ދެވަނަ ފަހަރެވެ.

އޭޝިއަން ޝޫޓިން ކޮންފެޑެރޭޝަން (އޭއެސްސީ) ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަމަށް ޝޫޓިން އެސޯސިއޭޝަންގެ ރައީސް އިންތިޚާބުވުމަކީ ޝޫޓިންގެ އެސޯސިއޭޝަނާއި މި ކުޅިވަރު ރާއްޖޭގައި ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އޭޝިއާގެ ޝޫޓިންގެ މައި އިދާރާ ކަމުގައިވާ އޭޝިއަން ޝޫޓިންގ ކޮންފެޑެރޭޝަން (އޭއެސްސީ) ގެ އެގްޒެކެޓިވް ބޯޑުގެ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް މިމަހުގެ ދެވަނަ ދުވަހު ބޭއްވި އެ ޖަމްޢިއްޔާގެ ޖެނެރަލް އެސެމްބްލީގައި އެގްޒެކެޓިވް ބޯޑުގެ ހުރިހާ މަޤާމުތަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

އެގޮތުން މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 4 އަހަރަށް އޭއެސްސީގެ ރައީސްގެ މަޤާމަށް ހޮވާފައިވަނީ ކުވޭތުގެ އަމީރު ޝެއިޚް ސަލްމާން އަލް-ޞަބާހުއެވެ. އަދި ސެކެޓްރީ ޖެނެރަލްގެ މަޤާމަށް ހޮވާފައިވަނީ ކުވޭތު ޝޫޓިން ސްޕޯޓްސް ފެޑެރޭޝަނުގެ ރައީސް އަލް-ދުއެއިޖް އަލް އުތައިބީއެވެ. މީގެ އިތުރުން އެގްޒެކެޓިވް ބޯޑުގެ އެހެން ހުރިހާ މަޤާމުތަކަށްވެސް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.