‏ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ފިލިޕީންސް އާއި ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން މެލޭޝިއާގައި ކޭމްޕް ކުރަން ލިބުނު ފުރުސަތަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ ބުނެފި އެވެ.

‏ކޮލިފައިންގައި މި މަހު މާލޭގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު އަންނަނީ މެލޭޝިއާގައި ކޭމްޕް ކުރަމުންނެވެ. ‏އެންމެ ފަހުން ޔޫއޭއީގައި ސީރިއާ އަތުން ރާއްޖެ ބަލިވި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ކެޕްޓަން އަކުރަމް ކުޅެފައެއް ނުވެއެވެ.

‏މެލޭޝިއާގައި ކުރިއަށްދާ ތަމްރީނުތަކުގެ ތެރެއިން އަކުރަމް ބުނީ މެލޭޝިއާގައި ކޭމްޕް ކުރަން ލިބުނު ފުރުސަތަކީ މި ދެ މެޗަށް ތައްޔާތުވަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، އޭޝިއަން ކަޕަށް ކޮލިފައިވާން ކަނޑައެޅު ޓާގެޓަށް ހާސިލުވަން މި ދެ މެޗަކީ އެންމެ މުހިންމު ދެ މެޗު ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ތަމްރީނުތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، ހުރިހާ ކުޅުންތެރިންގެ މަސައްކަތްވެސް ވަރަށް ރަނގަޅު ކަމަށް ބުންޏެވެ.

މިއަހަރު އަޅުގަނޑުމެން ކަނޑައެޅި ޓާގެޓަށް ހާސިލުވަން ކުރިއަށް އޮތީ އެންމެ މުހިންމު ދެ މެޗު. މި ދެ މެޗަށް ތައްޔާރުވަން ވަރަށް ރަނގަޅު ކޭމްޕެއް ކަންނޭގެ މި ލިބުނީ. މި ދިހަ ދުވަހުވެސް ވަރަށް ހާޑް ކޮށް ވަރަށް އިންޓެސްކޮށް ކުރިއަށް މިދަނީ. ހުރިހާ ކުދިންގެވެސް މަސައްކަތް ވަރަށް ރަނގަޅުކޮށް ދަނީ. ކޯޗުވެސް ކޮންމެ ދުވަހަކު ނިންމާލާފަ ވަރަށް ރަނގަޅު ކަމަށް ބުނަނީ.
އަކުރަމް

މެލޭޝިއާގައި ކުރިއަށްދާ ކޭމްޕަށްފަހު ޓީމު އެނބުރި މާލެ އަންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ޕިލިޕީންސްއާ ދެކޮޅަށް ކުޅޭއިރު، 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭނެއެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ހަތަރުވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބި އެވެ.