ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ (އޭޖީއެމް) ނުބޭއްވި އޮންނަތާ ހަ މަސްވެފައިވާއިރު އޭޖީއެމް ބޭއްވުމަށްޓަކައި ކޮމިޝަނަރާ އޮފް ސްޕޯޓްސް އިން މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ ހީނާ އަޙްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ހީނާ ވިދާޅުވީ ކްރިކެޓްގެ އޭޖީއެމް ހުއްޓުވުމަށް އެ ކޮމިޝަނުން އެއްވެސް ކަމެއްކޮށްފައިނުވާނެ ކަމަށާއި އޭޖީއެމް ނުބޭއްވި ލަސްވެފައި ވަނީ އަސާސީ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.

ކޮމިޝަނަރުން ލާޒިމުކުރާ ސައްވީސް ކަމެއް އަސާސީ ގަވައިދަށް އިތުރު ކުރުމަށް އަޅުގަނޑުމެން ވާނީ ޑްރާސްޓެއް ފޮނުވާފަ. ކްރިކެޓް ބޯޑުގެ އެކްސްކޯ އިން މި ޖެހެނީ އެކަން ހިމަނާފައި ފޮނުވަން. އެކަންކުރުމާއެކު އޭޖީއެމް ބޭއްވުމުގެކަންތައް ކުރިޔަށްދާނެ
ސަލީމް

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ އޭޖީއެމް މާރޗުމަހުގެ ތެރޭގައި އެއްމެ ފުރަތަމަ ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް އެ ފަހަރު ނުބޭއްވި ދިޔައީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. އޭގެ ފަހުން ދެ ފަހަރު ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް ސްޕޯޓްސް ކޮމިޝަނާ ވަނީ ގަވައިދާ އެއްގޮތައް އޭޖީއެމް ބޭއްވުމަށް އަންގައި ހުއްޓުވާފައެވެ.

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު އަފްލާހު (އަފޫ) ވިދާޅުވީ އަސާސީ ގަވައިދު ވެސް ކޮމިޝަނަރާއަށް ފޮނުވާފައިވާ ކަމަށާއި އަދި ކޮމިޝަނާ އެދުނު ކަންތައްތައް ހިމެނުމަށް ފަހު މީގެ މަހެއްހާ ދުވަސްކުރިން އަސާސީ ގަވައިދު ފޮނުވާފައިވާ ކަމަށެވެ.

އޭޖީއެމް ނުބޭއްވިދާ ކޮންމެ ދުވަހަކީ ކްރިކެޓަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ފުޅާދާއިރާއެއްގައި އަތޮޅުތެރޭގައި ކްރިކެޓްގެ އެތައް ހަރަކާތްތަކެއް ކުރިޔަށްދާއިރު ބަޖެޓް ފާސްނުކުރެވި އޮތުމުން ކޮންމެ ދުވަހަކު ވެސް އިދާރީ ހިންގުމަށް ވެސް ދަތިތައް ކުރިމަތިވަމުންދާ ކަމަށް އަފޫ ވިދާޅުވިއެވެ.

އަޅުގަނޑުމެން މިތިބީ ކޮމިޝަނާ އެދޭގޮތަކަށް އެކަންކޮށްގެން ވެސް އޭޖީއެމް ބޭއްވޭނެ ގޮތެއް ހޯދުމަށް. މިހާރު ވެސް އަސާސީ ގަވައިދު ވަނީ އެކޮޅަށް ފޮނުވިފަ. ކޮމިޝަނަރުގެ އެންގުމަށް މަޑުކޮށްގެންމި ތިބެނީ
އަފްލާހު

އަހަރީ އާއްމު ޖަލްސާ އަކީ ކޮންމެ އަހަރެއްގެ މާރޗު 31 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހޭ ޖަލްސާއަކަށްވާއިރު އަދި ވެސް ގިނަ އެސޯސިއޭޝަންތަކުގެ އަހަރީ ޖަލްސާ ބާއްވާފައެއްނުވެއެވެ. އެހެން ކަމުން އެ ސޯސިއޭޝަންތަކާއި މަޝްވަރާކޮށް ގަވައިދާއެއްގޮތައް އޭޖީއެމް ބޭއްވުމަށް ބާރު އަޅާނެ ކަމަށް ހީނާ ސަލީމް ވިދާޅުވިއެވެ.