ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގިނަ ހަރަކާތްތަކެއް ފަށައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން މިމަހުގެ 4 އިން 6 ވަނަ ދުވަހުގެ ނިޔަލަށް ލަންޑަނުގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް ފެއާރގެ އިތުރުން ގިނަ ހަރަކާތްތަކެއްގައި އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައެވެ. ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިންލައަޤްވާމީ ފެންވަރުގައި ބައްވާ އެންމެ ބޮޑު އެއް ފެއާ ކަމުގައިވާ ޓްރެވަލް މާކެޓް ފެއާރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަަރަކާތްތެރިވާ 63 ކުންފުންޏަކުން 163 ފަރާތަކުން ވަނީ ބައިވެރިވެފައެެވެ.

މި ފެއާރ ހިނގަމުންދާއިރު، ރާއްޖެއިން މި ފެއާރގައި ބައިވެރިވާ ފަރާތްތަކުން، ފެއާގައި ބައިވެރިވާ އެކި ގައުމުތަކުގެ ފަތުރުވެރިކަމާބެހޭ ތަޖުރިބާކާރުންނާއި ބައްދަލުކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް ކުރިއެރުވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. ފެއާގައި ހުންނަ ރާއްޖޭގެ ސްޓޯލުން "ދި ޓިއުން" ބޭންޑުގެ ލައިވް މިޔުޒިކް ކުޅުމާއި، ދިވެހި ކާބޯތަކެތީގެ އުފެއްދުންތަކުގެ ރަހަ ބަލާލަން ބޭނުންވާ ފަރާތްތަކަށް ވަގުތުން އެތަކެތީގެ ރަހަބެލޭނެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރާއްޖޭގެ ގުދުރަތީ ރީތިކަން ވަގުތުން ބަލާލުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެެވެ.

މިއީ މި ފެއާގައި ރާއްޖެއިން ބައިވެރިވާ 35 ވަނަ ފަހަރެވެ. މި އަހަރުގެ މި ފެއާގައި އެކި ގައުމުތަކުން 5،000 މީހުން ބައިވެރިވެއެވެ.

ރާއްޖޭގެ ފަރާތުން މި ފެއާރގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅަކީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދެވެ. ތޮއްޔިބު އިސްކޮށް ހުންނަވައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންގެ ބައިވެރިވުމާއެކު، މިމަހުގެ 4 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ބޭރުގެ ހަބަރުފަތުރާ ވަސީލަތްތަކަށް ވަނީ ދީފައެވެ.

މިމަހުގެ 7، 8، އަދި 11 ވަނަ ދުވަހު "ޖާރނީ ޓު ދަ ސަނީ ސައިޑް"ގެ ނަމުގައި އިނގިރޭސިވިލާތުގެ މެންޗެސްޓަރއާއި، ގްލާސްގޯއާއި، އަޔަރލޭންޑުގެ ވެރިރަށް ޑަބްލިންގައި ރޯޑްޝޯއެއްވެސް ބޭއްވުމަށް އެމްމްއެމްޕީއާރުސީން ވަނީ ނިންމާފައެވެ. ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށްޓަކައި ލަންޑަންގެ އެންމެ މަޝްހޫރު ހިސާބުތަކުގައި އައުޓްްޑޯ ކެމްޕޭނެއްވެސް މިހާރު ވަނީ ފަށާފައެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާ މައިގަނޑު އެއް ގައުމެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 7.3 އިންސައްތަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އެގައުމުންނެެވެ.