ރާއްޖޭގެ ތިން ވަނަ ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ މަންޓާ އެއާގެ ހަތަރު ވަނަ ސީޕްލޭންރާއްޖެ ގެނެސްފި އެވެ.

ކެނެޑާ އިން ފުރައިގެން އައި މަންޓާ އެއާގެ ހަތަރުވަނަ ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ މިއަދު ހަވީރު 5:00 ހާއިރު އެވެ.

މަންޓާ އެއާ އިން މިދިޔަ މަހު އެ އެއާލައިންގެ ފުރަތަމަ ތިން ސީޕްލޭން ރާއްޖެ ގެނެސްފައިވާއިރު ޖުމްލަ 10 ސީ ޕްލޭން މަންޓާ އެއަރގެ ސީ ޕްލޭން ފްލީޓްގައި ހިމެނޭނެކަމަށްވެސް އެއެއާލައިނުން ބުނެއެެވެ.

މަންޓާ އެއަރގެ މި ސީޕްލޭން އަކީ ވެސް ދެ ޕައިލެެޓުންނާއެކު 15 މީހުންގެ ޖާގައިގެ ފްލައިޓެކެވެ. މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީ، "ގާމިން ޖީ 950 އެންއެކްސް އައި ނެކްސްޓް ޖެނެރޭޝަން" ފްލައިޓް ޑެކް ޓެކްނޮލޮޖީ އަދި ވެދާ ރާޑަރެއް ހިމެނޭ ފްލައިޓެކެވެ. މިއީ އާންމުކޮށް ބޭނުންކުރާ ސީޕްލޭންތަކަށްވުރެ ލުއި، ފަސިންޖަރުންނަށް ފަސޭހަވާނެ ސީޕްލޭންތަކެއް ކަމަށް މަންޓާ އިން ބުނެއެެވެ. މީގެ އިތުރަށް މި ފްލައިޓުގައި ވައިގެ ދަތުރުފަތުރުގެ އެންމެ ފަހުގެ އާލާތްތައް ވަނީ ހަރުކޮށްފައެވެ.

މި މަހުގެ ތެރޭގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ މަންޓާ އެއާ އިން ސީޕްލޭން ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ ފްލައިޓު ޝެޑިއުލް ދުރާލާ އާންމުކޮށް، ފަސިންޖަރުންނަށް ސީޓް ބުކް ކުރެވޭނެ ގޮތަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހު މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވާއިރު މިއީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިނެވެ. މަންޓާ އެއަރ އިން މިވަގުތު ވައިގެ ދަތުރުތައް ކުރަމުންދަނީ ބ. ދަރަވަންދޫ އާއި ދ. ކުޑަހުވަދޫ އަށެވެ.