ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުރީގެ ނާއިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޖޭއެސްސީގެ އަމަލުތައް ހުރިގޮތުން ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެއްވެސް ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އިންސާފުން ބޭރުން ނޭޅޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައިވާ ކަމަށާއި އަދި ފަނޑިޔާރުން ނިންމާ ނިންމުމަކާ ގުޅިގެން ވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ. ނަމަވެސް ޖޭއެސްސީން މިދިޔަ ދުވަސްތަކުގެ ތެރޭގައި ފެންނަނީ ކޯޓުތަކުގެ އިޚުތިސާސް ތެރެއަށް ވަންނަމުންދާ ކަމަށެވެ.

ޖަމީލް ވިދާޅުވީ ޖުޑީޝަރީގެ ބެލެނިވެރި ފަރާތަކީ ޖޭއެސްސީ ނޫން ކަމަށާއި ޖޭއެސްސީއަށް އުޅެނީ އޮޅިގެން ކަމަށެވެ. ޖޭއެސްސީގެ ހައިސިއްޔަތާއި އަދާކުރަންޖެހޭ ދައުރު އޮޅިފައިވާ ކަމަށެވެ. އެ ކޮމިޝަނުގެ އަމާޒުހުރީ ގާނޫނުއަސާސީން ގެނެސްފައިވާ މުސްތަގިއްލު ޝަރުއީ ނިޒާމުގެ މުޅި މަފުހޫމް ގެއްލޭގޮތަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީ މިހާރު އޮތްގޮތަށް އޮވެގެން ބިރުވެރިކަމާއި ނުފޫޒުން އެއްފަރާތްވެފައިވާ މިނިވަން ފަނޑިޔާރުގެއެއް ނުލިބޭނެ ކަމަށެވެ.

ޖޭއެސްސީގެ މެންބަރަކަށް ރައީސް ނަޝީދު އިންނަވައި އަދި އެމްޑީޕީގެ ނުފޫޒުގަދަ މަޖިލީސް މެންބަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ވަކީލުންތަކެއް ކޮމިޝަނުގައި ތިއްބެވުމުން އެ ކޮމިޝަން މިނިވަންވާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ވަރަށް މަދު ގައުމެއްގައި ނޫނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި މަޖިލީސް މެންބަރުން ނުތިއްބަވާ ކަމަށާއި ރާއްޖޭގައި އޮތް މޮޑެލް އޮތް ހަމައެކަނި ގައުމަކީ ދެކުނު އެފްރިކާ ކަމަށް ވިދާޅުވިއެވެ. އެއީ ހުރިހާ ގޮތަކުން ވެސް ރާއްޖެއާ އެންމެ ބީރަށްޓެހި ނިޒާމު ކަމަށާއި އެގައުމުގައި ވެސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން 6 މެންބަރުން އައްޔަންކުރާއިރު 3 މެންބަރުން ވާންޖެހެނީ އިދިކޮޅު މެންބަރުންނަށް ކަމަށް ވިދާޅުވިއެވެ.

ގިނަ ގައުމުތަކުގައި ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ޖޭއެސްސީގައި ނުތިބެވެނީ އެބޭފުޅުންނަކީ ވާދަވެރި ސިޔާސީ ބޭފުޅުން. ކިހިނެްތޯ އެއްފަރާތުގައި ރައީސް ނަޝީދު ހުންނަވައި ރައީސް ނަޝީދަކީ ވާދަވެރި ސިޔާސީ ބޭފުޅެއް. ވެރިކަން ކުރާ ޕާޓީގެ ރައީސް. އަނެއްކޮޅުން ހުންނެވީ އޮޕޮޒިޝަން ލީޑަރު. ކިހިނެއްތޯ އަމިއްލަ ކޮންޓްރޯލް އޮތް ބޮޑީއެއްގެ ދަށުގައި ތިބި ފަނޑިޔާރުގެއަކުން ރައީސް ޔާމީނަށް އިންސާފު ލިބޭނީ.
ޑރ.ޖަމީލް

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު، އެމަނިކުފާނުގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިން ތިއްބެވީ ޖޭއެސްސީގައި ކަަމަށާއި މިފަދަ މާހައުލެއްގައި އެމަނިކުފާނަށް އިންސާފު ލިބޭނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރެއްވޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. އިންސާފުވެރި ފަނޑިޔާރުގެއެއް ގެނެސްދޭނެ ކަމަށް ވައުދުވެ ވެރިކަމަށް އައުމަށްފަހު މަސައްކަތް ކުރަމުންދަނީ ފަނޑިޔާރުގޭގެ ކޮންޓްރޯލް ނެގޭނެ ނިޒާމެއް ގާއިމުކުރުމަށް ކަމަށެވެ. ޖަމީލް ވިދާޅުވީ މުޅި ޖުޑީޝަރީގެ ބަލަދުވެރިކަން ޖޭއެސްސީން ވަނީ ނަގާފައި ކަަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ބޮޑު ތުހުމަތެއްގެ މައްސަލަ ބަލައި، ލައިވްކޮށްގެން ޝަރީއަތް ކުރިއަށްގެންގޮސް، ހުކުމް އިއްވަން އޮތް ދުވަހު މައްސަލަ ބެލި ފަނޑިޔާރު ސަސްޕެންޑް ކުރުމުން އެއީ ފަނޑިޔާރުގެއަށް ބިރުދެއްކުން ނޫން ކަމަށް މާނަނުކުރެވޭނެ ކަމަށެވެ. ސަރުކާރާ ދެބަސްވާ ފަރާތަކަށް ނުވަތަ އިދިކޮޅު ފަރާތަކަށް މިހާރު އޮތް މާހައުލުގައި އިންސާފު ލިބިދާނެ ކަމަށް ގަބޫލުނުކުރެވެނޭ ކަަމަށެވެ. އަދި ޖޭއެސްސީގެ އަމަލުތައް މިހާރު ހުރިގޮތަކަށް ހުރެގެން ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ ގާނޫނުއަސާސީގައި ތިންބާރު ވަކިކޮށްފައިވަނީ ނަމަކަށް ނޫން ކަމަށާއި އެގޮތަށް ކަންކުރުމަށް ކަމަށެވެ. އެއްބާރު އަނެއްބާރު ތެރެއަށް ވަދެގެން ނުވާނެ ކަމަށާއި އަދުލުއިންސާފު ގާއިމުކުރުމަކީ އެއްވެސް ހާލެއްގައި ރައްޔިތުންގެ މަޖިލީހަށް އޮތް ބާރެއް ނޫން ކަމަށެވެ.

މިއަދު ފެނިގެންދަނީ ގާނޫނަށް ކަނޑައެޅިގެން ގޮންޖަހައި ކަންކަން ކުރަމުންދާ މަންޒަރު ކަމަށާއި އެކަން ނުހުއްޓުވައިފިނަމަ އޭގެ ގެއްލުން އެންމެ ނިކަމެތި ރައްޔިތުންނަށް ވެސް ކުރާނެ ކަމަށެވެ. ބޮޑު ޝަރީއަތެއްގެ ހުކުމަށް ވާސިލްވެފައި އޮއްވާ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ކަމަށް ބުނެ ސަސްޕެންޑް ކުރުމަކީ އިންސާފުވެރި ޝަރީއަތެއް ކުރުމަށް އެޅި ހުރަހެއް ކަމަށެވެ. މިއީ ޖޭއެސްސީން ކުރި ގާނޫނާ ޚިލާފު އަމަލެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ޖޭއެސްސީ މިއަދު ސިފަކުރެވެނީ އެމްޑީޕީގެ ފެކްޝަނެއްގެ ގޮތުގައި. ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. އެއްވެސް ހާލެއްގައި ޖޭއެސްސީއަކީ ވަކި ބައެއް ބާރެއް ނޫން. ޖޭއެސްސީ އުފެދިފައި އޮންނަނީ ގާނޫނީ ހަމަތަކުގެ މަތިން، ހަމަޖެހިފައި އޮންނަ އުސޫލުތަކާއި އިންތަކުގެ ތެރޭގައި ކަންކުރުމަށް.
އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ ޖޭއެސްސީގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވަނީ ފަނޑިޔާރުން ބޭޒާރުކޮށް އަބުރުނަގާލައި އެއްވެސް އިހުތިރާމެއް ނެތް ބައެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ. ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅިއްޖެނަމަ، ބަލަންޖެހޭނީ އެ ބޭފުޅެއްގެ ހައްގުތަކަށް ރިއާޔަތްކޮށްގެން ކަަމަށެވެ. މިހާރު ކަންކުރާ ގޮތަށް އަބުރު ކަތިލާ އުސޫލުން އެކަން ކުރެވިގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ އަލީ ޝާހު ވިދާޅުވީ ގާޒީ ހައިލަމަށް ތުހުމަތުކުރަނީ ކާޓޫނެއްގެ މައްސަލައަށް ވާހިނދު، އެއީ އަދާކުރާ މަގާމުގެ މަސްއޫލިއްޔަތާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަަމަށެވެ. އެހެންކަމުން ގާޒީ ހައިލަމް ބަހައްޓައިގެން ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދިއުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށާއި ފަނޑިޔާރުގޭގެ ރައްކާތެރިކަން ނެތި، ފަނޔާރުންގެ މަގާމުގެ ރައްކާތެރިކަން ނެތި ފަނޑިޔާރުންނަށް މިނިވަން ޖައްވެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެންމެހާ ބާރތަކަށް އިލްތިމާސްކުރަން ރާއްޖޭގެ ފަނޑިޔާރުގެތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް. އަދި ފަނޑިޔާރުގެތަކަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތުން ފަނޑިޔާރުގެތައް މިނިވަންކޮށްދެއްވައި ފަނޑިޔާރުންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ހުކުމްކުރެވޭނެ މާހައުލެއް ތަނަވަސްކޮށްދެއްވުމަށް އިލްތިމާސްކުރަން.
ވަކީލު އަލީ ޝާހު

ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ މިއަދު ޝަރީއަތުގެ މަޖިލީސް ކެންސަލްވިކަން އެނގުނީ ވެސް ނޫސްތަކުން ކަމަށެވެ. އަދި ކުރިއަށް ރޭވިފައި އޮތްގޮތެއް ވެސް ނޭނގޭ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައި މިއަދަށް އޮތީ ހުކުމް ކުރުމަށް ތާވަލްކޮށްފައެވެ. މިއަދު މެންދުރުފަހު 1:00 އަށް ޝަރީއަތުގެ މަޖިލީސް ތާވަލްކުރުމަށްފަހު ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމާއެކުއެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ނަސްރުގެދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވުމަށް ކްރިމިނަލް ކޯޓުގެ ވައިބާ ގުރޫޕަކަށް ފޮނުއްވި ފޮޓޯއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގަައި ވާޖަހާފައިވާ ފޮޓޯއެއް ފޮނުއްވި މައްސަލައިގައެވެ.