ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ ގާނޫނަށް ނިމިދިޔަ ސަރުކާރުން ގެނައި އިސްލާހު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނުނިމި ލަސްވާތީ ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ނިމިދިޔަ ސަރުކާރުން އެއްވެއުޅުމުގެ ގާނޫނަށް ގެނައި އިސްލާހު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. މި މައްސަލަ ލަސްވާތީ މެމްބަރު ޖާބިރު މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވާއިރު މި މައްސަލަ ބަލައިގަތީ އެ ވަގުތު ތަޅުމުގުއި ހާޒިރުވެވަޑައިގެން ތިއްބެވި 48 މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލާގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަނެ ކޮމެޓީގައި އޮންނަތާ ދޮޅު މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އިސްލާހު އުވާނުލައި ގިނަ ދުވަސް ވެފައިވާއިރު އިދިކޮޅު ޕީޕީއެމުން ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެއްވުން ފުލުހުން ރޫޅާލައި ބައެއް ފަރާތްތައް އެރޭ ހައްޔަރުކުރުމަކީ ދިވެހި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫންކަން ޖާބިރު ފާހަގަކުރެއްވިއެވެ.

މައްސަލާގައި ބަހުސް ކުރެއްވި ހުރިހާ މެމްބަރުންވެސް ވަނީ އެއްވެއުޅުމުގެ ގާނޫނަށް ގެނައި އިސްލާހު އުވާލަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އެ އިސްލާހަކީ، އިދިކޮޅުގައި އެމްޑީޕީ އޮތްއިރު އެ ޕާޓީން ވަރަށް ދެކޮޅު ހެދި އެއްޗެއް ކަމަށާއި އަދި އެ އިސްލާހު ނުގެނައުމަށް އެތައް އާދޭހެއް ކުރި ކަމަށެވެ. އަދި އެ ގާނޫނު އުވާލުމުގެ މަސައްކަތް ލަސްކަން ފާހަގަކުރައްވައި ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް މެމްބަރުން ވިދާޅުވެފައިވެއެވެ. އަދި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ހޯދުމަށް އިހުތިޖާޖުކުރުމުގެ ހައްގުުވެސް ރައްޔިތުންނަށް ލިބިދޭން ޖެހޭކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި އިސްލާހުގައި ބުނާ ގޮތުން، ވެރިކަން ކުރާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއްވެސް ބޭއްވޭނީ ފުލުހުން ދޭ ހުއްދައަކާއެކު ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ.