ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ސްލާވިއާ ޕްރާހާއާ ބާސެލޯނާ އެއްވަރުވުމުން، އެޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އަށް އިތުރު ޕްރެޝަރުތަކަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވި އެވެ. ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ލެވަންޓޭ އަތުން ބާސާ ބަލިވިއިރު، އެއީ މި ފަަހަރު ލީގުގައި އެ ޓީމު ބަލިވި ތިންވަނަ މެޗެވެ.

ވަލްވޭޑޭގެ ކޯޗުކަމުގައި އެންމެ ފަހުން ދެ ފަހަރުވެސް ބާސާ ޗެމްޕިއަންސް ލީގުން ކެޓީ ހިތްދަތި ގޮތަކަށެވެ. މިދިޔަ އަހަރު ސެމީ ފައިނަލުގައި ލިވަޕޫލް އަތުން ކެޓިއިރު، އޭގެ ކުރިން ފަހަރު ކުއާޓާ ފައިނަލުން ކެޓީ ރޯމާ އަތުންނެވެ.

ރޭ ކުޅުނު މެޗުގައި ބާސާއިން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ސްލާވިއާ ޕްރާހާގެ ގޯލްކީޕަރު ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ސޭވުތަކެއް ކޮށްފައެވެ. މެޗުގައި ބާސާއަށް ލީޑު ނަގައިދޭން ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެޕްޓަން ލިއޮނެލް މެސީ އަށެވެ. އެކަމަކު މެސީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި ދެވަނަ ހާފުގައި މެސީގެ އެހީއާއެކު އާޓޫރޯ ވިޑާލް ގޯލެއް ކާމިޔާބުކުރި ނަމަވެސް، މެސީ އޮފްސައިޑުގައި ހުރުމުން ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު ގޯލު ބަލައިނުގަންނަން ނިންމާފައެވެ.

ރޭގެ މެޗުން ބާސާ ޕޮއިންޓަކުން ފުއްދާލަން ޖެހުނަށް އެޓީމު އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. ކުޅުނު 4 މެޗުން ބާސާއަށް ވަނީ 8 ޕޮއިންޓު ލިބިފައެވެ.

ޑޯޓްމުންޑާއި އިންޓަ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން ---

މި ގްރޫޕްގެ ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑުން ރޭ ވަނީ ފަހަތުންއަރާ 3-2 އިން އިންޓަ މިލާންގެ މައްޗަށް ކުރިހޯދާފައެވެ. ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އިންޓައިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެގޮތުން މި ހާފުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އާޖެންޓިނާގެ ފޯވާޑް މާޓިނޭޒް އާއި މަޓިއަސް ވެޗީނޯ އެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން ޑޯޓްމުންޑުން މޮޅު ކުޅުމެއް ދެއްކިއިރު، 26 މިނެޓު ތެރޭ ޑޯޓްމުންޑުން ވަނީ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ޑޯޓްމުންޑުގެ ގޯލުތައް ޖަހައިދިނީ ދެ ގޯލް ޖެހި އަޝްރަފު ހަކީމީގެ އިތުރުން ޖޫލިއަން އެވެ.

މި މޮޅާއެކު ޑޯޓްމުންޑް ދެވަނައަށް ޖެހިލީ 4 މެޗުން 7 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް އިންޓަށް 4 މެޗުން 4 ޕޮއިންޓު ލިބިފައިވާއިރު، ފުލުގައި އޮތް ސްލާވިއާ ޕްރާހާއަށް 4 މެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ.