ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީ ގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވިއިރު، މި ގްރޫޕްގައި ހިމެނޭ ނާޕޮލީ ކުޅުނު މެޗުން އެޓީމު އެއްވަރުވެއްޖެ އެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ ގެންކް އަތުން 2-1 އިންނެވެ. މި މެޗާ ލިވަޕޫލުން ކުރިމަތިލާފައިވަނީ އެޓީމުގެ ކުރީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ ސަޑިއޯ މާނޭ އާއި ރޮބާޓޯ ފިރްމީނޯ ބެންޗުގައި ބައިންދައިގެންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް ލިވަޕޫލުންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ވައިނަލްޑަމް އެވެ. އޭގެ ފަހުން ލިވަޕޫލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ގެންކް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. 41 ވަނަ މިނެޓުގައި ބްރަޔަން ނަގައިދިން ކޯނަރަކުން މި ގޯލް ކާމިޔާބުކޮށްދިނީ ސަމަޓާ އެވެ.

އެކަމަކު ދެވަނަ ހާފު ލިވަޕޫލުން ޑޮމިނޭޓުކުރިއިރު، މި ހާފު ފަށައިގެން 8 ވަނަ މިނެޓުގައި އެޓީމުން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މުހައްމަދު ސަލާހު ދިން ބޯޅައަކުން މި ގޯލް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އެލެކްސް އޮކްސެލޭޑް-ޗެމްބަލެއިން އެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ ކުޅުނު 4 މެޗުން 9 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ރޭ ސާލްޒްބާގްއާ އެއްވަރުވުމުން ނާޕޮލީ ވަނީ ދެވަނައަށް ވެއްޓިފައެވެ. ނާޕޮލީއަށް ކުޅުނު 4 މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ.

ނާޕޮލީ އާއި ސާލްޒްބާގް ބައްދަލުކުރި މެޗުގެ ތެރެއިން --

ނާޕޮލީގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ސާލްޒްބާގްއިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ގޯލް ކާމިޔާބުކޮށްދިނީ އުމުރުން 19 އަހަރުގެ ހާލަންޑް އެވެ. މި ގޯލާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލް ޖެހި ހަގު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. މިހާތަނަށް ހާލަންޑް 7 ގޯލް ޖެހިއިރު، މި ރެކޯޑް ކުރިން އޮތީ ރެއާލް މެޑްރިޑްގެ ކުރީގެ ފޯވަޑް ރައުލް އާއި ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭގެ އަތުގައެވެ.

ރޭގެ މެޗުގައި ނާޕޮލީން އެއްވަރުކުރީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ލޮޒާނޯ އެވެ.

މި ނަތީޖާއާއެކު ގްރޫޕްް އީ ގެ ތިންވަނައިގައި ސާލްޒްބާގް އޮތީ ކުޅުނު 4 މެޗުން 4 ޕޮއިންޓު ހޯދައިގެންނެވެ. ފުލުގައި އޮތް ގެންކް އަށް ކުޅުނު 4 މެޗުން ލިބިފައިވަަނީ އެންމެ ޕޮއިންޓެކެވެ.