ޔުއެފާ ޗެމްޕިއަންސް ލީގުގައި ގްރޫޕް އެޗް ގައި ރޭ ފަހަތުން އަރައި ޖެހި ތިން ގޯލާއެކު، ޗެލްސީން އަޔަކްސްއާ އެއްވަރުކޮށްފި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗު ނިމުނީ 4-4 އިން ދެޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި 8 ގޯލުގެ އިތުރަށް 2 ރަތް ކާޑު ވަނީ ފެނިގެންގޮސްފައެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އަޔަކްސްއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ދެވަނަ މިނެޓުގައި އަޔަކްސްއަށް ލިޑު ލިބުނީ ޗެލްސީގެ ފޯވާޑް ޓަމީ އަބްރަހަމް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގައި އަޔަކްސްއިން ދެވަނަ ފަހަރަށް ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކުއިންސީ ޕްރޮމެސް އެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި އަޔަކްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ހަކީމް ޒިޔެޗް ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަނީ ޗެލްސީގެ ގޯލްކީަޕރު ކެޕާގެ އަތުގައި ޖެހިފައި ބައިކޮޅަށެވެ. އަޔަކްސްގެ ހަތަރުވަނަ ގޯލް ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެން ޑަ ބީކް އެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން ސެޒާ އެޒްޕަލިކިއުޓާ އެޓީމުގެ ދެވަނަ ގޯލް ޖެހިފަހުން، އަޔަކްސްގެ ދެ ކުޅުންތެރިއަކަށް ވަނީ ގާތްގާތުގައި ރަތް ކާޑު ދައްކާފައެވެ. ޑެލީ ބްލިންޑް އާއި ޖޮއެލް ވެލްޓްމޭންއަށް ރެފްރީ ރަތް ކާޑު ދައްކާފައިވަނީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ.

އޭގެ ފަހުން 71 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖޯޖިނިއޯ ޗެލްސީއަށް ފަރަގު ކުޑަކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ޖޭމްސް ވަނީ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ 78 ވަނަ މިނެޓުގައި އެޒްޕަލިކިއުޓާ އިތުރު ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލް ބަލައިނުގަންނަން ނިންމާފައެވެ.

މި މެޗުން ޗެލްސީ އާއި އަޔަކްސް އެއްވަރުވިއިރު، އެއްވަނައިގައި އޮތް އަޔަކްސް އާއި ދެވަނައިގައި އޮތް ޗެލްސީއަށް ވަނީ ކުޅުނު 4 މެޗުން 7 ޕޮއިންޓު ލިބިފައެވެ. އަޔަކްސްއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ވެލެންސިއާއަށްވެސް 7 ޕޮއިންޓު ލިބިފައިވާއިރު، އެޓީމު ރޭ ވަނީ ލިލް އަތުން 4-1 އިން މޮޅުވެފައެވެ.