އަމިއްލަ ގައުމުގައި ކުޅޭއިރު ފިލިޕީންސް ބަލިކުރެވޭނެ ކަމަށް ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ފިލިޕީންސްއާ ދެކޮޅަށް ދެ މެޗެއް ކުޅެފައެވެ. އެގޮތުން 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖު ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި ކުޅުނު މެޗުން ފިލިޕީންސް މޮޅުވީ 3-2 އިންނެވެ. އަދި 2015 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުން ފިލިޕީންސް މޮޅުވީ 2-0 އިންނެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މިމަހު މާލޭގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު އަންނަނީ މެލޭޝިއާގައި ކޭމްޕް ކުރަމުންނެވެ. ކޮލިފައިންގައި ގުއާމާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ގައުމީ ޓީމާއެކު އަމިއްލަ ސަބަބެއްގައި ނުދިޔުމުގެ ސަބަބުން ސެންޓޭ ޖޫރިމަނާކުރިއިރު، ޗައިނާ އާއި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗަށް ސެންޓޭ ސްކޮޑަށް ނަގާފައެއް ނުވެއެވެ. އޭގެ ފަހުން ސެންޓޭ އެކަމަށް މައާފަށް އެދުމުން މިފަހަރުގެ ސްކޮޑުގައި އޭނާ ވަނީ ހިމަނާފައެވެ.

މެލޭޝިއާގައި ކުރިއަށްދާ ތަމްރީނުތަކުގެ ތެރެއިން ސެންޓޭ ބުނީ ފިލިޕީންސް ޓީމަށްވެސް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ރާއްޖޭގެ ޓީމަށްވެސް މިހާރު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅޭއިރު، ރޫހު ތަފާތުވާނެ ކަމަށާއި، މި މަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގައި ފިލިޕީންސް ބަލިކުރެވޭނެ ކަމަށެވެ.

މީގެކުރިން ރާއްޖެ ކުޅުނު ޓީމާއި، މިހާރު ކުޅޭ ޓީމުވެސް ތަފާތުވާނެ. ހަމަ އެގޮތަށް ފިލިޕީންސް ޓީމުވެސް މިހާރު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. ކުރިން ކުޅުނު މެޗުތަކުގައި ކުޅުނު ދެތިން ހަތަރު ކުޅުންތެރިން މިހާރު ތިބީ ފިލިޕީންްސް ޓީމުގައި. ރާއްޖޭގައި ކުޅެންޔާ ހީވަނީ ރަނގަޅު ފައިޓެއް ދީގެން މޮޅުވެވޭނެހެން.
އަލީ ފާސިރު

ގައުމީ ޓީމުގެ ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް ބުނީ ކުޅުންތެރިން ތިބީ ވަރަށް ޖޯޝާއި ފޯރީގައި ކަމަށާއި، ތަމްރީންތައް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ޓީމު އެއްކޮށް އެއްބައެއްގެ ގޮތުގައި ޓީމުގެ ރޫހު ވަރުގަދަކުރަން މިކަހަލަ ކޭމްޕްތައް މުހިންމު ކަމަށްވެސް އޭނާ ބުންޏެވެ.

ވަރަށް މުހިންމު ދެ މެޗު ވީމާ، މިއ ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. ފުރަތަމަ ދެ ދުވަހު ތަންކޮޅެއް ވަރުބަލިކޮށް ދިޔަ ނަމަވެސް، މިހާރު ވަރަށް ރަނގަޅަށް ތަމްރީނުތައް ދަނީ. އަދި މިފަހަރު ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ޓީމު އޮތީ ވަރަށް ވަރުގަދަކޮށް.
ހުސައިން ޝިފާއު

މެލޭޝިއާގައި ކުރިއަށްދާ ކޭމްޕަށްފަހު ޓީމު އެނބުރި މާލެ އަންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ޕިލިޕީންސްއާ ދެކޮޅަށް ކުޅޭއިރު، 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭނެއެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ހަތަރުވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބި އެވެ.