މިދިޔަ މަހު އެލައިޑް އިންޝުއަރެންސް ކުންފުނިން ބަދަލުގެ ގޮތުގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ 6 އިން 10 އާ ދެމެދު 5،640،700 އަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށާ އަދި އެ މަހުގެ 27 އިން 31 އާ ދެމެދު 15،443،200ރ. އަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫފައިވާ ކަމަށެވެ. އެހެންކަމުން އޮކްޓޯބަރު މަހު އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 21،083،900 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެލައިޑް އިންޝުއަރެންސުން މައުލޫމާތުދެއެވެ.

އެލައިޑުން ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ބަދަލުގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ. އަދި އޮގަސްޓް މަހު 2.39 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި އޭގެ ކުރީ މަހު ބަދަލުގެ ގޮތުގައި 5.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ. މީގެ އިތުރުން، މިދިޔަ ޖޫން މަހު ވެސް ބަދަލުގެ ގޮތުގައި 9.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.

އެލައިޑްގެ ފައިދާ އިތުރުވެ އިންޝުއަރ ކުރުމުގެ ގާބިލްކަން 140 މިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރަންސް ޚިދުމަތް ދެމުންގެންދާ އެލައިޑުން އަންނަނީ ކުންފުނިތަކުގެ އިތުރަށް އަމިއްލަ ފަރުދުންނަށްވެސް އިންޝުއަރަންސް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

މީގެތެރޭގައި މެޑިކަލް، މޮޓޯ އަދި ލައިފް އިންޝުއަރެންސް ފާހަގަކޮށްލެވެ އެވެ. އިންޝުއަރެންސްތަކުގެ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްވެސް އެލައިޑުން އަންނަނީ ތަފާތަު އުކުޅުތައް ބޭނުންކުރަމުންނެވެ.