ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ރާސްބެރީތަކެއް ރާއްޖެ އެތެރެކޮށްފައިވާތީ އެކަމަަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

މިކަމާގުޅިގެން އެމްއެފްޑިއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޮރޯވައިރަސް ޖަރާސީމުން ތަޣައްޔަރުވެފައިވާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީ ރާއްޖެ އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންށް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެލާޓް އާއި ގުޅޭ އިތުރު މައުލޫމާތު ހޯދާ އެފަދަ އުފެއްދުންތައް ބާޒާރުން އަނބުރާ ނެގުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ލިބުނު މައލޫމާތުން މި އުފެއްދުން ޑިސްޓްރިބިއުޓް ވެފައިވަނީ ހަމައެކަނި ރިސޯޓްތަކަށް ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ ރާއްޖެއަށް އެތެރެކުރާ ހިމްބީގަންޒް މަރުކާގެ ރާސްބެރީ އަށް ވަކި ޚާއްސަ ސަމާލުކަމެއް ދީގެން އެތެރެކުރާ އިރު ފާސްކުރަމުންދާ ކަމަށެވެ. އެހެންކަމުން ތަޣައްޔަރުވެފައިވާ ރާސްބެރީ އެތެރެ ނުކުރުމަށާ، ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އެއޮތޯރިޓީން ވަނީ އިލްތިމާސްކޯށްފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތި އެތެރެކޮށް ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކުން ފުރިހަ މައުލޫމާތު ނެތް، ހަމައެހެންމެ ރައްކާތެރިކަން ކަށަވަރުނުވާ ގަނޑުކުރި ރާސްބެރި އެތެރެކޮށް ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށްވެސް އަންގާފައެވެ.