އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން، ސެޕްޓެމްބަރު މަހުގެ ނިޔަލަށް 190 މިލިއަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ދައުލަތުގެ އެކި އިދާރާތަކަށް އަންގައިފިއެވެ.

އޭސީސީން ބުނީ މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ޖުމްލަ 190,674,529.01 (ސަތޭކަނުވަދިހަ މިލިއަން ހަލައްކަ ހަތްދިހަހަތަރުހާސް ފައްސަތޭކަ ނަވާވީސް ރުފިޔާ އެއް ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް އެ ކޮމިޝަނުން އެކި އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

އޭގެތެރެއިން، މިއަހަރުގެ ތިންވަނަ ކުއާޓަރގައި ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކަށް އަންގާފައިވަނީ، ޖުމްލަ 1,852,713.97 (އެއް މިލިއަން އަށް ލައްކަ ފަންސާސް ދެ ހާސް ހަތް ސަތޭކަ ތޭރަ ރުފިޔާ ނުވަދިހަ ހަތް ލާރި) ކަމަށްވެސް އޭސީސީން މައުލޫމާތުދެއެވެ.

އޭސީސީން ބުނީ މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން އެކި އިދާރާތަކަށް އަންގާފައިވާ ފައިސާއަކީ އެކޮމިޝަނުން ތަހުގީގުކޮށް ނިންމި 16 މައްސަލައެއްގައި ހިމެނޭ ފައިސާ ކަމަށެވެ.

އަދި ދަޢުލަތަށް އަނބުރާ ހޯދުމަށް އަންގާފައިވާ ފައިސާގެ ތެރެއިން ޖުމްލަ 78,763.33 (ހަތްދިހަ އަށްހާސް ހަތް ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތިރީސް ތިން ލާރި) މި އަހަރުގެ 3 ވަނަ ކުއާޓަރުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދިފައިވާކަން އޭސީސީ އިން ވަނީ ފާހަގަކޮށްފައެވެ.