އިންކަމް ޓެކްސް ނެގޭގޮތް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދައިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ އިންކަމް ޓެކްސް އާއި ގުޅޭގޮތުން ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށެވެ. އެހެންކަމުން އެ ޓެކްސް އާއި ގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

މެންބަރު ރަޝީދު ވިދާޅުވީ މަހެއްގެ މައްޗަށް އެއްލައްކަ ދިހަހާސް ރުފިޔާގެ އާމްދަނީއެއް ލިބޭ މީހެއްގެ އަތުން ސީދާ 15 އިންސައްތަ ޓެކްސް ނަގަނީތޯ ނުވަތަ ދެލައްކަ އައްވުރެ މަތިން އާމްދަނީ ލިބޭ މީހާ އަތުންވެސް 15 އިންސައްތަ ޓެކްސް ނަގަނީތޯ މީއި ވަަރަށް ގިނަ ފަރާތްތަކުން ކުރާ ސުވާލެއް ކަމަށެވެ.

"އެޖެންޑާ 19 ގައި ހުށައަޅާފައި މިވާގޮތަށް 60،000 ދަށުގެ އާމްދަނީ އިން އެއްވެސް ޓެކްސް އެއް ނުނެގޭނެ. އަދި ސަރުކާރުން ހުށައަޅާފައިވާގޮތުންނަމަ 40،000 އާއި 60،000 އާއި ދެމެދު ގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އެ ބްރެކެޓްގަ އިންނަ 20،000 ރުފިޔާއިންނޭ ޓެކްސް ނެގޭނީ. އެހެންކަމުން ބައެއް ބޭފުޅުންނަށް އޮޅުން އަރާއެބަ އެމީހެއްގެ އާމްދަނީ އިން އެއިންނަ ބްރެކެޓުން ގެނޭނީ ކިހާ ވަރެއްގެ ޓެކްސް އެއްތޯ"
މެންބަރު މުހައްމަދު ރަޝީދު

މެންބަރު ރަޝީދު އިތުރަށް ވިދާޅުވީ އެ ޤާނޫނުން ގެނެވޭ އެންމެ ރަނގަޅު ބަދަލަކީ މުދާ ވިއްކައިގެން ލިބޭ ފައިދާއިން ޓެކްސް ނެގުމައި ލޭންޑް ސޭލްސް ޓެކްސް އުވާލުން ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ފެނިގެންދިއައީ ބައެއް ރިސޯޓުތަކާއި ސީޕްލޭންތައް ވިއްކާލެވިގެން ދިޔައިރުވެސް ދިވެހި ދައުލަތަށް އެކަށީގެންވާ އާމްދަނީއެއް ލިބެމުންނުދިއަތަން ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

"މޯލްޑިވްސް އިކޮނޮމިކް ރިވިއު" އިން އިންކަމް ޓެކްސްއާ ގުޅޭ ގޮތުން ބޭއްވި ޑިސްކަޝަން ސީރީޒް

އިންކަމް ޓެކްސް ތައްޔާރުވެފައިވާއިރު މަޖިލީހުގައި ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ބިލްގެ ބަހުސް ކުރަމުންނެވެ. އިންކަމް ޓެކްސް އާއި ގުޅޭގޮތުން ރައްޔިތުންގެވެސް ގިނަ ކަންބޮޑުވުންތަކެއް ހުރި އިރު ރާއްޖޭގައި ނެރޭ އިގްތިސާދީ ޖާނަލް "މޯލްޑިވްސް އިކޮނޮމިކް ރިވިއު" އިން އިންކަމް ޓެކްސްއާ ގުޅޭ ގޮތުން ބޭއްވި ޑިސްކަޝަން ސީރީޒް ގައި ވެސް ރާއްޖެއަށް އަލަށް ތައާރަފުކުރާ މި ޓެކްސް ޕޮލިސީއާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ޕެނަލް ޑިސްކަޝަން ގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަޖުރިބާކާރެއް ކަމަށްވާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ޓެކްސްގެ ނިޒާމު ހަރުދަނާ ކުރާއިރު، ފަހަށް ރައްކާ ކުރުން ވެސް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އަދި ފަހަށް ރައްކާ ނުކުރާ ކަމަށް ވާނަމަ، ދެންވެސް ތަރައްޤީއަށް ބޭނުންކުރާ ފައިސާ ހޯދަން ޖެހޭނީ ދަރަންޏަށް ކަމަށްވެސް ބަންދު އިބްރާހިމް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޓެކްސް އާމްދަނީ އެންމެ އުފެއްދުންތެރި ގޮތަކަށް ބޭނުންކުރެވޭނީ ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކޮށްގެން ކަމަށެވެ.

މިހާރު ހުރިހާ ކަމެއް ސަރުކާރުން ކުރާތީ، އޭގެ ބުރަ އުފުލަން މި ޖެހެނީ ޓެކްސްގެ ތެރެއިން. އެ ޓެކްސް ޕްރޮޑަކްޓިވް ގޮތުގައި ބޭނުންކުރާނީ ފަހަށް ރައްކާކުރާ ބައި ބޮޑުކޮށްގެން. ބޭނުން ހިފޭ ބޮޑެތި ކުދި ލޯނުތަކުގެ އެހީ ދީގެން. އެކަން ކުރަން ބޭނުމިއްޔާ މަސްވެރިންނަށާއި ސްމޯލް ސްކޭލް ބިޒްނަސްތަކަށް ލޯންގް ޓާމް އިންވެސްޓްމަންޓެއް ބޭންކެއް ނުހަދާ ސަލާމަތެއް ނުވާނެ،"
ސޮލަރެލް އިންޝުއަރަންސް ކުންފުނީގެ ޗެއާމަން އިބްރާހީމް ސަލީމް

އިޤްތިޞާދީ ދިރާސާތައް ޝާއިއުކުރާ މޯލްޑިވްސް އިކޮނޮމިކް ރިވިއު އިން ކުރިޔަށްގެންދިިޔަ މި ޕެނަލް ޑިސްކަޝަން އަކީ، "މޯލްޑިވްސް އިކޮނޮމިކް ރިވިއު ޓޮޕިކަލް ޑިސްކަޝަން ސީރީޒް"ގެ ދަށުން ބޭއްވި ފުރަތަމަ ޕެނަލް ޑިސްކަޝަން ބާއްވާފައި ވަނީ އެޓޯލް ކެޕިޓަލް ފައިނޭންސް އާއި ގުޅިގެންނެވެ.