އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި، ތިން މައްސަލައެއްގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އޭސީސީން ބުނީ މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެ ކޮމިޝަނުން ދަޢުވާކުރުމަށްޓަކައި ތިން މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާ އިރު މީގެ ތެރެއިން، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ އެއް މައްސަލައިގަ ކަމަށެވެ. މި މައްސަލައިގައި އެކެއްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާއިރު، އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.

2018ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް އޭސީސީން ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެންމެ މައްސަލައެކެވެ. އަދި އެ މައްސަލައިގައި ދެ މީހަކު ޝާމިލްވާއިރު، އެމީހުންގެ މައްޗަށް ދެ ދަޢުވާކުރުމަށް އޭސީސީން ވަނީ ޕީޖީގައި އެދިފައެވެ. އެއީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ބުނީ މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެކޮމިޝަނުން ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި، ޖުމްލަ 3,646,500.00 (ތިންމިލިއަން ހަލައްކަ ސާޅީސްހަހާސް ފައްސަތޭކަ) ރުފިޔާގެ މައްސަލަ ހިމެނެއެވެ.

އޭސީސީން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން، ޖުމްލަ 12 މައްސަލަ މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް، ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހުން އަނބުރާ ކޮމިޝަނަށް ފޮނުވާފައިވެއެވެ. އޭގެތެރެއިން، މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އަނބުރާ ފޮނުވާފައިވަނީ ތިން މައްސަލައެވެ.

އޭސީސީން ބުނީ މިއަހަރުގެ މިދުއްތަދުގެ ތެރޭގައި ޕީޖީ އޮފީހުން އަނބުރާ ކޮމިޝަނަށް ފޮނުވާފައިވާ 12 މައްސަލައިގެ ތެރެއިން 6 މައްސަލައަކީ ތަފާތު ސަބަބުތަކަށްޓަކައި ދަޢުވާ ނުކުރުމަށް ނިންމައި އެ އޮފީހުން އަނބުރާ ފޮނުވާފައިވާ މައްސަލަތައް ކަމަށެވެ.