ލ.އަތޮޅުގައި ދެވަނައަށް ތަރައްޤީކުރި ރަހާ ރިސޯޓު މިމަހުގެ އެއްވަނަ ދުވަހު ހުޅުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ކުންފުންޏަކުން ލ. އަތޮޅުގައި ތަރައްގީކޮށްފައިވާ ރަހާ ރިސޯޓަކީ ހަތަރު ތަރީގެ ރިސޯޓެކެވެ.

މި ރިސޯޓުގައި ދެ ވައްތަރެއްގެ ކޮޓަރި ހުންނައިރު، މޫދު ފެންނަ ގޮތަށް ގޮނޑުދޮށުގައި ހަދާފައިވާ ޑީލަކްސް އޯޝަން ވިއު ވިލާސް އާއި ރަށުގައި އޮންނަ ކުޅި ފެންނަ ގޮތަށް ހަދާފައިވާ ޑިލަކްސް ލޭކް ވިއު ވިލާސް ހިމެނެއެވެ.

ދިވެހިވަންތަ ގޮތަކަށް ފަރުމާކޮށްފައިވާ މިރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ދިވެހި ސަގާފަތާއި އާދަކާދަތައް އަންގައިދިނުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީފައިވެއެވެ.

ރަހާ ރިސޯޓުގައި ހެނދުނު ސައި، މެންދުރުގެ ކެއުން އަދި ރޭގަނޑުގެ ކެއުން ލިބޭ ބުފޭ ސްޓައިލްގެ ރެސްޓޯރަންޓެއްގެ އިތުރުން ރިސޯޓުގެ ބީޗްގައި ބާއެއް ހުރެ އެވެ. އަދި ސްޕާ އަކާއި މޫދު ކުޅިވަރު އަދި ޑައިވް ސެންޓަރެއް ވެސް މި ރަށުގައި ހުރެ އެވެ.

ލ. އަތޮޅުގެ ދެ ރަށެއް އެއްކޮށްލައިގެން ތަރައްގީކުރި މިރިސޯޓަށް ކައްދޫ އެއާޕޯޓުން ފުރައިގެން ދެވޭނީ 20 ވަރަކަށް މިނެޓް ތެރޭގަ އެވެ.

ލ. އަތޮޅުގައި ދެން އޮންނަނީ ދުނިޔޭގެ މަޝްހޫރު ހޮޓާ ކުންފުނި އިންޓަކޮންޓިނެންޓަލް ހޮޓެލް ގްރޫޕް (އައިއެޗްޖީ) އިން ދާދި ފަހުން ގަނެފައިވާ މަތީ ފެންވަރުގެ ހޮޓާ ބްރޭންޑެއް ކަމަށްވާ "ސިކްސް ސެންސަސް ހޮޓެލްސް އެންޑް ރިސޯޓްސް" އިން ހިންގާ "ސިކްސް ސެންސަސް ލާމު" ރިސޯޓެވެ.