ގިރިފުށީގައި ތަމްރީން ހަދަމުން ދިޔަ ދިވެހި ސިފައިން ޖެހި ވަޒަނެއް ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އާއްމު މީހެއްގެ ގަޔަށް ވަޒަނެއް އެރި ކަމުގެ މައުލޫމާތު ލިބިގެން އެކަން ބަލަމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒަން އަރާފައި ވަނީ ސަފާރީގައި ހުރި ފަތުރުވެރިއެއްގެ ގަޔަށެވެ.

އެމްއެންޑީއެފުން ބުނީ ފަތުރުވެރިޔާގެ ގަޔަށް އެރި ވަޒަނަކީ ތަނެއްގައި ޖެހި، އޭގެ ބާރު ކެނޑިފައިވާ ވަޒަނެއް ކަމަށާ އެވަޒަން ދިޔައީ އެމީހާގެ ކަރުގައި ކޭއްތިފައި ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ވަޒަން އެރުމުގެ ސަބަބުން އެމީހާގެ ކަރު ބެންޑޭޖްކޮށްފައިވާއިރު މޫނާއި ކަރުން ލޭގެ އަސަރުތައް ފެނެއެވެ.

މިމީހާ ސީއެމްބިއުލާންސްގައި ހުޅުމާލެ ގެނެސް މިހާރު ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފަ ކަމަށް އެމްއެެންޑިއެފުން މައުލޫމާތުދެއެވެ.