އިމާރާތްކުރުމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕްރޮފެޝަނަލް ނޫން ކޮންޓްރެކްޓަރުން އެ ދާއިރާއަށް ވަނުން ކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ނުވަތަ މަސީން ބުނެފިއެވެ.

އިމާރާތްކުރުމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަމަށް އޮތް ހައްލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މިއަދު ދަރުބާރުގޭގައި ފެށި ކޮންފަރެންސަށްފަހު ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަސީގެ ޗެއަރމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ރާއްޖޭގައި އެތައް މަޝްރޫއެއް ކުރިއަށްދާއިރު ވަރަށް ގިނަ ޕްރޮފެޝަނަލް ނޫން ކޮންޓްރެކްޓަރުން ވަރަށް ދަށް އަގުގައި މާކެޓަށް ވަންނަމުންދާ ކަމަށެވެ. ޖަނާހު ވިދާޅުވީ އެކަންކަން ބަލަމުންދާ ކަމަށާއި އެއްވެސް ތަޖުރިބާއެއް ނެތް މީހުން މި ދާއިރާއަށް ވަނުމަށްޓަކާ ރަޖިސްޓަރީ ކުރަމުންދާކަން ފާހަގަވާ ކަމަށެވެ.

މީގެ ތެރެއިން އެންޓަރ ވެގެން ފިލްޓަރ ވެގެން އެބަދޭ ޕްރޮފެޝަނަލް ނޫން، ކޮންޓްރެކްޓަރުންގެ ނަމުގައި ތިބޭ މީހުން. އެއްވެސް ތަޖުރިބާއެއް ނެތް، އެކަމަކު ރަޖިސްޓަރީ ކޮށްލާފަ މި ދާއިރާއަށް މި ވަންނަނީ. އެމީހުން އެބަ މަސައްކަތްކުރޭ ޕްރޮޖެކްޓެއް 3 މިލިއަން ރުފިޔާއަށް. އެބަ އެނގޭ 6 މިލިޔަން ރުފިޔާކަން އެޕްރޮޖެޓްގެ އަގަކީ.
މަސީގެ ޗެއަރމަން ޖަނާހު

އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންސްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ޖަނާހު ވަނީ މިފަދަ މަޝްރޫއުތައް ހަވާލުކުރުމުގައި ޚާއްސަ ކަންތައްތަކަށް ބެލުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ތަޖުރިބާހުރި ނުވަތަ އަލަށް ފަށާ ބައެއް ކަމުގައިވިޔަސް އެފަރާތްތަކަކީ އެ ގާބިލްކަން ހުރި، އެދާއިރާއިން ކިޔަވައިގެން ތިބި އަދި އެކަމުގެ ވަސީލަތްތައް ހުރި ބައެއްްތޯ ބެލުމަށްފަހު އެބަޔަކާ މަސައްކަތް ހަވާލުކުރުމަށް ޖަނާހު އެދިވަޑައިގެންނެވިއެވެ.