އެއް އަހަރު ފަހުން ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅެފި އެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މިމަހު މާލޭގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުން މެލޭޝިއާގައި ކުރަމުންދާ ކޭމްޕްގެ ތެރެއިން ރޭ ވަނީ މެލޭޝިއާ ގައުމީ ޓީމާ ދެކޮޅަށް ކުޅެފައެވެ. ރޭގެ މެޗުން މެލޭޝިއާ މޮޅުވީ 2-1 އިންނެވެ. އެކަމަކު މި މެޗަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ މެޗެއް ނޫނެވެ. މި މެޗުގައި ކުޅެފައިވަނީ 30 މިނެޓުގެ ދެ ހާފެވެ.

އެންމެ ފަހުންވެސް ގައުމީ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅުނީ މެލޭޝިއާއާ ދެކޮޅަށވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރަށުން ބޭރުގައި ކުޅުނު މި މެޗުން މެލޭޝިއާ މޮޅުވެފައިވަނީ 3-0 އިންނެވެ.

ރޭ ކުޅުނު މިމެޗުގައި ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް ވަނީ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ 25 ކުޅުންތެރިންނަށްވެސް ފުރުސަތު ދީފައެވެ. މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ މެލޭޝިއާއިންނެވެ. އެކަމަކު އަހުމަދު ރިޒުވާން ވަނީ ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެލޭޝިއާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއަކީ ރާއްޖޭގެ ޑިފެންޑަރު މުހައްމަދު ސަމްދޫހު، މެލޭޝިއާގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. މި ތިން މެޗާވެސް ރާއްޖެއިން ކުރިމަތިލާފައިވަނީ އެކުވެރިކަމުގެ މެޗެއް ނުކުޅެއެވެ.

މެލޭޝިއާގައި ކުރިއަށްދާ ކޭމްޕަށްފަހު ޓީމު އެނބުރި މާލެ އަންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ޕިލިޕީންސްއާ ދެކޮޅަށް ކުޅޭއިރު، 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭނެއެވެ.