އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީގެ އަނބިމީހާ ހައްޔަރު ކުރެވިފައިވާ ކަމަށް ތުރުކީން ބުނެފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއެވެ.

އެމެރިކާ ސިފައިން މިދިޔަ އޮކްޓޫބަރުމަހުގެ 26 ވަނަ ދުވަހު ސޫރިޔާގެ އިދްލީބުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރޭގައި ބަޣުދާދީވަނީ ގައިގައި ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލައިގެން އަމިއްލައަށް މަރުވެފައެވެ.

"އެމެރިކާއިން ބުނަނީ ބަޣުދާދީ ބިންގަރާހެއްގެ ތެރޭގައި އަމިއްލައަށް މަރުވީ ކަމަށް. އެހެންބުނެ އެމީހުންވަނީ އެކަމާގުޅޭ ކެމްޕެއިނެއް ފަށާފައި. އެކަމަކު ފުރަތަމަ ފަހަރަށް އަޅުގަނޑު މިހާމަކުރަނީ، އަޅުގަނޑުމެންވަނީ އޭނާގެ އަންހެނުން ހައްޔަރުކޮށްފައި. އެކަމަކު އެކަމާ އަޅުގަނޑުމެން އެވަރަކުން ނޫޅެން. ހަމަ އެއާއެކު، ބަޣުދާދީގެ ދައްތައާއި، ޅިޔަނުވެސް އަޅުގަނޑުމެން ވަނީ ސޫރިޔާއިން ހައްޔަރުކޮށްފައި"
އުރުދުޣާން

ތުރުކީގެ ރައީސް މިވާހަކަތައް ހާމަކުރެއްވީ، އަންކާރާ ޔުނިވަރސިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީގެ އަނބިމީހާ ހައްޔަރު ކުރެފައިވާކަން ތުރުކީގެ ރައީސް މިއަދު ހާމަކުރެއްވިއިރު، ބަޣުދާދީގެ އެއްބަނޑު އެއްބަފާ ދައްތައާއި އޭނާގެ ފިރިމީހާއާއި އެދެމަފިރިންގެ ދަރިފުޅު ތުރުކީން ހައްޔަރު ކޮށްފައިވާކަން ތުރުކީގެ އިސް އޮފިޝަލަކު މިހަފްތާގެ ކުރީކޮޅު ހާމަކުރައްވާފައި ވެއެވެ.

ބަޣުދާދީގެ ދައްތަ ރަސްމިޔާ އަވާދް ވަނީ ތުރުކީވިލާތުން ހައްޔަރުކޮށްފައި

އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ލީޑަރު ހައްޔަރުކުރަން އެމެރިކާ ސިފައިން ހިންގި ސިއްރު އޮޕަރޭޝަންގެ ތެރޭގައި، އޭނާ ސޫރިޔާގައި ހުރި ތަނަށް އެމެރިކާ ސިފައިން ވަނުމުން ބިންގަރާސްގެ އެންމެ ފުލަށްގޮސް ބަޣުދާދީ އޭނާ ލައިގެންހުރި ޖެކެޓްގައި ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލީ ކައިރީގައި ހުރި ދެދަރިންނާވެސް އެކުގައި ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ. އެ ހާދިސާގައި އެ ދެކުދިންވެސް ވަނީ މަރުވެފައެވެ.

މިހާދިސާއާއަށްފަހު، އެމެރިކާއިން ބަޣުދާދީގެ ހަށިގަނޑު ދައްކާފައި ނުވެއެވެ. އަދި ފޮޓޯއެއްވެސް އާންމުކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ގޮވާތަކެތި ގޮއްވާލުމުގެ ސަބަބުން ބަޣުދާދީގެ ހަށިގަނޑު ކުދިކުދިވެގެންދިޔައެވެ.

އަދި ފަހުން އޭނާގެ ހަށިގަނޑުގެ ބައިތައް އެމެރިކާ ސިފައިން ގެންގޮސް ކަނޑުފެއްތީ ކަމަށްވެސް ވެއެވެ.

ބަޣުދާދީގެ މަރަކީ އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ހުޅަނގުގެ މުހައްލިލުން ސިފަކުރައްވަމުން ގެންދެވިއެވެ. އަދި ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް އޭގެ ފައިދާ ކުރާނޭ ކަމަށްވެސް ވިދާޅުވެއެވެ.

އެހެން ނަމަވެސް، މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ، ބަޣުދާދީ މަރުވިޔަސް އިސްލާމިކް ސްޓޭޓް ޖަމާއަތް ނެތިގެންނުދާނޭ ކަމަށެވެ. އެ ޖަމާއަތުގެ ހަރަކާތްތައް ހުއްޓުމަކަށް ނާންނާނޭ ކަމަށެވެ.

ބަޣުދާދީ މަރުވިކަން އިސްލާމިކް ސްޓޭޓް ޖަމާއަތުން ކަށަވަރު ކޮށްދިނުމަށްފަހު އެމެރިކާއަށް ބުނެފައިވަނީ އެކަމާ އުފާ ނުކުރުމަށެވެ.

އެ ޖަމާއަތުގެ އައު ލީޑަރަކަށް އައްޔަން ކުރެވުނު އަބޫ އިބްރާހިމް އަލްހާޝިމީ އަލްގުރައިޝީ، ބަޣުދާދީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާނޭ ކަމަށްވެސް ބުނެފައި ވެއެވެ.