އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ބަންގްލަދޭޝްއަށް ހިނގައްޖެ އެވެ.

މި މުބާރާތް މިފަހަރު ބަންގްލަދޭޝްގައި އޮންނާނީ މި މަހުގެ 9 އިން 14 ގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މިއަހަރުގެ މުބާރާތުގައި 5 ގައުމަކުން ވާދަކުރާނެއެވެ. އެއީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ނޭޕާލާއި ކިރްގިސްތާނުގެ އިތުރުން އަފްޣާނިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި 9 ވަނަ ދުވަހު ރާއްޖެއިން ކިރްގިސްތާނާ ދެކޮޅަށް ކުޅޭއިރު، ދެވަނަ މެޗުގައި 10 ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާއިރު، 12 ވަނަ ދުވަހު ނުކްނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ގައުމީ ޓީމާއެކު ބަންގްލަދޭޝްއަށް ކޯޗަކަށް ގޮސްފައިވަނީ އަހުމަދު އަދީލް (ބޭބެ) އެވެ. އެކަމަކު މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭވީސީގެ ރައީސް ސޮއިކުރައްވައި ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ފޮނުވި ސިޓީއެއްގައި، އޭވީސީއާ ގުޅޭ މުބާރާތެއްގައި މުއާމަލާތް ކުރަންވާނީ މުހައްމަދު ލަތީފްއާ ކަމަށް އެންގުމުން، ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ލަތީފް ފޮނުވި ޓީމު ލިސްޓުގައި ކޯޗަކަށް ހަމަޖައްސާފައިވަނީ ކޯޗު އަހުމަދު ސުނާން އެވެ. މިއަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ޓީމުގެ ކޯޗަކަށް އިބްރާހީމް ރަޝީދު (ސަތޯ) ހުރިއިރު، ސުނާން އޭރު ހުރީ އެސިސްޓަންޓް ކޯޗުގެ ގޮތުގައެވެ.

ވީސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބޭބެ ވަނީމިފަހަރުގެ މުބާރާތާ ޓީމުން ކުރިމަތިލާނީ ފައިނަލަށް ދަތުރުކޮށް މެޑެއްޔެއް ހޯދުމަށް ކަމަށް ބުނެފައެވެ.