އެމެރިކާގެ ހަތަރު ސްޓޭޓެއްގައި އިއްޔެ ބޭއްވި އިންތިޚާބުތަކުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ ބަލިވެ، އެ ޕާޓީއަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެއްޖެއެވެ.

ކެންޓަކީގައި ބޭއްވި އިންތިޚާބުން ޓްރަމްޕް ވަރަށް ބޮޑަށް ކެމްޕެއިން ކޮށްދެއްވި މިހާރުގެ ރިޕަބްލިކަން ގަވަރްނަރް މެޓް ބީވިން ބަލިކުރައްވައި އިދިކޮޅު ޑިމޮކްރޭޓިކް ޕާޓީގެ ކެންޑިޑޭޓް އަދި އެ ސްޓޭޓްގެ މިހާރުގެ އެޓަނީ ޖެނެރަލް އެންޑީ ބެޝެއަރ، ގަވަރްނަރުގެ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވާއިރު، ވަރޖިނިއާ ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރޭޓުންވަނީ ނަގާފައެވެ.

ވަރޖިނިއާ ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގެ އަޣުލަބިއްޔަތުވެސް ޑިމޮކްރޭޓުންނަށް ލިބުމުން، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެ ސްޓޭޓް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ފުރަތަމަ ފަހަރަށް ޑިމޮކްރޭޓުންނަށް ލިބިގެންދާނެއެވެ.

މިދިޔަ އަހަރު ބޭއްވި ކޮންގްރެސް އިންތިޚާބުގައި ވަރޖިނިއާއިން މާބޮޑު ތާއީދެއް ލިބިވަޑައި ނުގަތުމުން މިފަހަރު ޓްރަމްޕް އެ ސްޓޭޓްގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވައެވެ.

މިސިސިއްޕީގައި ބޭއްވި އިންތިޚާބު ރިޕަބްލިކަން ގަވަރްނަރ ޓޭޓް ރީވްސް ކާމިޔާބު ކުރެއްވި ނަމަވެސް، އޭނާއާއި، އިދިކޮޅު ޑިމޮކްރޭޓް ކެންޑިޑޭޓް ޖިމް ހޫޑުގެ ވޯޓުގެ ފަރަގު ވަރަށް ކުޑައެވެ.

ނިއުޖާރޒީއަށް ބަލާއިރު، އެ ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު ހޯދާފައިވަނީ ޑިމޮކްރޭޓުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކެންޓަކީގެ ގަވަރްނަރުގެ އިންތިޚާބުގެ ތެރޭގައި "ގޯސްތައް" ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވައި ރިޕަބްލިކަން ކެންޑިޑޭޓް މެޓް ބީވިން ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވާފައި ވާއިރު، ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅުއްވަން އޭނާއަށް 30 ދުވަހުގެ މުހުލަތު ގާނޫނުން ލިބިދެއެވެ.

އެހެން ނަމަވެސް، ރައީސް ޓްރަމްޕްވަނީ ސްޓޭޓްތަކުގެ އިންތިޚާބުގެ ބަލި ގަބޫލުފުޅު ކުރައްވާކަމުގެ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

މުހައްލިލުން ވިދާޅުވަނީ، ސްޓޭޓް އިންތިޚާބުތަކުން މިނުކުތް ނަތީޖާއަކީ ޓްރަމްޕަށް ވަރަށްބޮޑު ނާއުންމީދެއް ކުރިމަތިވެވަޑައި ގަންނަވާނެ ނަތީޖާއެއް ކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެރިކަމުގެ ދެވަނަ ދައުރަކަށް ޓްރަމްޕް ވާދަކުރައްވާއިރު، ސްޓޭޓްތަކުގެ އިންތިޚާބުން ނުކުންނަ ނަތީޖާއަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ފުރޮޅިގެން ހިނގައިދާނެ ގޮތް ދައްކުވައިދޭ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.