ދިވެހީންނަށް ލިބިފައިވާ އިސްލާމީ ހިދާޔަތަށް ހިޔަނިއަޅަން މަސައްކަތްކުރި ޖަމިއްޔާ އުވައިލުމަކީ ޖުމްހޫރީ ޕާޓީން މިއަދުގެ ސަރުކާރަށް އިޚްލާސްތެރި ކަމާއެކު ފަށްފަށުން ޝުކުރު އަދާކުރާ ކަމެއް ކަމަށް ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ޝަރަފްގައި އަންގާރަ ދުވަހުގެ ރޭ ރިޕަބްލިކަން ޕާޓީގެ ހެޑްކުއާރޓަރުގައި ބޭއްވި ޙަފްލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ވިދާޅުވީ އެ ޕާރޓީއަކީ ދީނާއި ޤައުމިއްޔަތާއި ރައްޔިތުންނަށް އިސްކަންދޭ ޕާޓީއެއް ކަމަށެވެ. އަދި ޒަމާނެއްގައި ދިވެހިރާއްޖޭގައި އެގޮތް މިގޮތަށް ބަޔަކު އުޅެމުންދިޔަ ނަމަވެސް އިސްލާމީ ހިދާޔަތު އައިފަހުން އެކަމަށް ގޮންޖަހަން މަސައްކަތްކުރިހާ ބަޔަކު ވަނީ ނާކާމިޔާބުވެފައި ކަމުގައެވެ.
އަދި މިއަދުވެސް އެފަދަ ކޮންމެ ކަމެއް ނާކާމިޔާބު ކޮށްލުމުގައި ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ އަތުކުރި އޮޅައިލައިގެން ކަމަށެވެ.
ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ދިވެހި ރާއްޖެ މަލްޓި ޕާރޓީ ޑިމޮކްރަސީއަކަށް ބަދަލުވިއިރު އުފެދުނު ފުރަތަމަ ޕާޓީތަކުގެ ތެރެއިން އެއް ޕާރޓީކަމަށެވެ.
ޤާސިމް ވިދާޅުވީ ތަނެއް ކުރިއަރައިދާނީ އެތަނެއްގައި ތިބި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ މިންވަރަކުން ކަމަށެވެ.
ޕާޓީއާއި އަލަށް ގުޅިވަޑައިގަތް ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ މައިދާނުގައި ވަރަށް ގިނަ ސިޔާސީ ބޭފުޅުންނާއެކު މަސައްކަތް ކުރައްވައިފި ކަމަށެވެ. އަދި އެ ހުރިހާ ބޭފުޅުންގެ ތެރެއިންވެސް އެއްގޮތެއްގައި ސާބިތުވެ ހުންނެވި ބޭފުޅަކީ އޮނަރަބަލް ޤާސިމް އިބްރާހީމް ކަމަށެވެ. އަދި ޤާސިމްކީ ވަކި ފަރުދަކަށް މީހަކަށް ދަރަޖައަކަށް ބައްލަވާ ބޭފުޅެއް ނޫންކަމަށެވެ. އެހެންވީމާ އެމަނިކުފާނުގެ ޕާޓީގައި ދިވެހީންނަށް މުސްތަޤުބަލެއް އޮތްކަން ދެކިވަޑައިގަންނަވާތީ އެޕާޓީއާއި ގުޅިވަޑައިގަތީ ކަމަށެވެ.
މި ޖަލްސާގައި ދުވަހަކުވެސް ޕާޓީއަކާ ގުޅިވަޑައިގެންފައިނުވާ އިސް ރަށްވެއްސަކު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.އެ ރަށްވެއްސަކީ އޮނަރަބަލް ޤާސިމް އިބްރާހީމް ވަރަށް ކުރީއްސުރެވެސް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ޤާސިމްވަނީ ވިދާޅުވެފައެވެ.
ދިވެހި ދައުލަތަށް ގިނަދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވައިފައިވާ ފުވައްމުލަކުގެ ބޭފުޅެއް ކަމުގައިވާ އަލްއުސްތާޒު އަޙުމަދު ޞާލިޙު އިބްރާހީމް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތް ސަބަބު ވަނީ ވިދާޅުވެ ދެއްވައިފައެވެ. ސިޔާސީ ހަލަބޮލިކަމާ ސިޔާސީ ގަދަ އޮއިވަރުތަކުގެ ތެރޭގައި ކަންވަމުންދާ ގޮތް ބައްލަވަން ހުންނަވަނިކޮށް ފެނިވަޑައިގަތީ ޒަމާނުއްސުރެ އޭނާ ދެކިވަޑައިގަންނަވަމުން އައި ޤާސިމް އިބްރާހީމްގެ ހަރުދަނާ ޝަޚުޞިއްޔަތު ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް އަނެއްކާވެސް ހިތްވަރު ލައްވަވައި މަސައްކަތް ފެއްޓެވިތަން ކަމުގައެވެ.
އެހެންވީމާ އެމަނިކުފާނަށް އެއްބާރުލުންދެއްވައި ބައިޢަތު ހިތްޕެވުމަކީ ދިވެހި ރައްޔިތުންނަށް އަދިވެސް ޚިދުމަތްތަކެއް ކޮށްދެއްވުމުގެ އުއްމީދު ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ރާއްޖޭގައި ބެލެންސް އޮފް ޕަވަރ ހަމަހަމަ ގޮތެއްގައި ދެމެހެއްޓުމަށް މަސައްކަތް ފަށައިފައިވަނީ ޕާޓީތަކުގެ މެދުގައި އޮތް ފަރަޤު ކުޑަކުރުމުގެ މަޤުޞަދުގައި ކަމަށް އެޕާޓީން ދަނީ ބުނަމުންނެވެ.
އަދި ދުވަހެއް ދުވަހަކަށް ޕާޓީއަށް މެމްބަރުން އިތުރުވަމުން ދިއުމާއިއެކު ދިވެހި ސަރުކާރަށް ލިބޭ ތާއީދުވެސް ދާނީ ބޮޑުވަމުން ކަމަށް އެޕާޓީން ދަނީ ބުނަމުންނެވެ.