ކުރީގެ ނާއިބުރައީސް އަހުމަދު އަދީބަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.

އަދީބާ ދެކޮޅަށް ދައުވާކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް 2014 އާއި 2015 ގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަނާއި ޚިޔާނާތާއި، މަނީ ލޯންޑަރިންގެ އަމަލުތަކުގެ މައްސަލައިގައެވެ. މި މައްސަލައިގައި އަދީބަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ.

އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާއަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަހުގީގެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ތަހުގީގަށްފަހު އަދީބުގެ މައްޗަށް ދައުވާކޮށްދިނުމަށް ސެޕްޓެމްބަރު 21 ގައި ފުލުހުންގެ އިދާރާއިން ޕީޖީއަށް ފޮނުވުމުން ހަތް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ ސެޕްޓެމްބަރު 29 ވަަނ ދުވަހުއެވެ.

މީގެ ކުރިންވެސް އަދީބުގެ މައްޗަށް ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައެވެ. އެގޮތުން އުފުލުނު ދައުވާއަކާއި އަދި އެހެން ދެ މައްސަލައެއްގައި ޖުމްލަ 33 އަހަރުގެ ޖަލުހުކުމް އަދީބުގެ މައްޗަށް އިއްވުނެވެ. ނަމަވެސް އެހުރިހާ ހުކުމެއް ވެސް ފަހުން ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެއީ ޚިޔާނާތުގެ މައްސަލައިގައި އިއްވި 8 އަހަރުގެ ޖަލުހުކުމެވެ.

ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ފުރުން މަނާކޮށްފައި ވަނިކޮށް ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައިގައި ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ވަނީ 3 މަހާއި 18 ދުވަހުގެ ޖަލުހުކުމެއް އަދީބުގެ މައްޗަށް އިއްވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބަށް ކުރާ އައު ދައުވާތަކުގެ ޝަރީއަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު އަދީބުގެ ފަރާތުން ވަނީ މި ޝަރީއަތް ލައިވްކޮށް ގެންގޮސްދިނުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެން ޓީވީތަކުން ލައިވް ކުރުމުގެ ފުރުސަތު ދީގެނެވެ.