ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ޔުވެންޓަސް، ބަޔާން މިއުނިކް އަދި ޕީއެސްޖީ ދަތުރުކޮށްފި އެވެ.

ގަދަ 16 ގެ ޖާގައެއް ޔުވެންޓަސް ހޯދީ ގްރޫޕް ޑީ ގައި ކުޅުނު 4 މެޗުން 10 ޕޮއިންޓު ހަމަކޮށްގެންނެވެ. ރޭ ޔުވެންޓަސްއިން ވަނީ ފަހުވަގުތު ޑަގްލަސް ކޮސްޓާ ކާމިޔާބުކުރި ގޯލާއެކު ލޮކޮމޯޓިވް މޮސްކޯ 2-1 އިން ބަލިކޮށްފައެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޔުވަންޓިސްއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޮ ފޮނުވާލި ހިލޭ ޖެހުން ގޯލްކީޕަރު އަތުގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް ރޮނގުމަތިންހެން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ މިޑްފީލްޑަރު އާރޮން ރާމްސީ އެވެ.

އެކަމަކު 12 ވަނަ މިނެޓުގައި ލޮކޮމޯޓިވް މޮސްކޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސޭ މިރަންޗަކް އެވެ. ދެ ޓީމުގެ ފަރާތުންވެސް މި މެޗުގައި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުން ޔުވެންޓަސް މޮޅުވީ މެޗުގެ ފަހު މިނެޓުގައި ޑަގްލަސް ކޮސްޓާ ކާމިޔާބުކުރި ގޯލުންނެވެ.

މި މޮޅާއެކު ޔުވެންޓަސްއިން އެއްވަނައިގައި 3 ޕޮއިންޓުގެ ލީޑެއް ނެގިއިރު، ގްރޫޕް ޑީ ގައި ހިމެނޭ އެތުލެޓިކޯ މެޑްރިޑް ރޭ ވަނީ ބަޔާ ލެވަކޫސަން އަތުން 2-1 އިން ބަލިވެފައެވެ.

ކުޅުނު 4 މެޗުން 7 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތް ލެވަކޫސަންއަށް 4 މެޗުން ވަނީ 3 ޕޮއިންޓު ލިބިފައެވެ. އަދި ފުލުގައި އޮތް ލޮކޮމޯޓިވް މޮސްކޯއަށްވެސް 4 މެޗުން ވަނީ 3 ޕޮއިންޓު ލިބިފައެވެ.

ބަޔާން އާއި އޮލިމްޕިއާކޯސް ބައްދަލުކުރި މެޗުގެ ތެރެއިން ---

ގްރޫޕް ބީ ގައި ހިމެނޭ ބަޔާން މިއުނިކް ގަދަ 16 އިން ޖާގަ ހޯދީ ކުޅުނު 4 މެޗުންވެސް މޮޅުވެގެންނެވެ. ރޭ ބަޔާނުން ވަނީ އޮލިމްޕިއާކޯސް އަތުން 2-0 އިން މޮޅުވެފައެވެ.

މި މެޗާ ބަޔާނުން ކުރިމަތިލިއިރު، ދާދި ފަހުން ބަޔާންގެ ކޯޗުގެ މަގާމުން ނިކޯ ކޮވަޗް ވަނީ ވަކިކޮށްފައެވެ. މި މެޗުގައި އެޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ހަންސީ ފްލިކް އެވެ.

އަމިއްލަ ދަނޑުގައި ބަޔާނުން ކުޅުނު މެޗުގައި އެޓީމުން ލީޑު ނެގީ 69 ވަނަ މިނެޓުގައެވެ. ކިންގްސްލީ ކޯމަންގެ އެހީއާއެކު މި ގޯލް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޯސްކީ އެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބަޔާނަށް ލީޑު ފުޅާކޮށްދިނީ އިވާން ޕެރިސިޗް އެވެ.

މި މޮޅާއެކު ކުޅުނު 4 މެޗުން 12 ޕޮއިންޓު ހޯދައިގެން އެއްވަނައިގައި ބަޔާން އޮތްއިރު، ދެވަނައިގައި އޮތް ޓޮޓެންހަމަށް 4 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. ރޭ ޓޮޓެންހަމުން ވަނީ ސަވެނާ ޒްވެޒްޑާ އަތުން 4-0 އިން މޮޅުވެފައެވެ.

ޕީއެސްޖީ އާއި ކްލަބު ބްރޫޖް ބައްދަލުކުރި މެޗުގެ ތެރެއިން ---

މީގެ އިތުރުންް ގްރޫޕް އޭ ގައި ހިމެނޭ ޕީއެސްޖީ ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު 4 މެޗުންވެސް މޮޅުވެގެންނެވެ. ރޭ ޕީއެސްޖީން ވަނީ އަމިއްލަ ދަނޑުގައި ކްލަބު ބްރޫޖް އަތުން 1-0 އިން މޮޅުވެފައެވެ.

މި މެޗުގައި ޕީއެސްޖީގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް، 22 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ކޮލިން ޑަގްބާގެ އެހީއާއެކު މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ އެވެ.

ދެވަނަ ހާފުގައި ބްރޫޖްއަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ވީއޭއާރްގެ އެހީއާއެކު މެޗުގެ 76 ވަނަ މިނެޓުގައި ބްރޫޖްއަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް، އެމްބަޔޭ ޑިއަގްނޭ ފޮނުވާލި ޕެނަލްޓީ ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފައެވެ.

މި މެޗުން މޮޅުވެ ޕީއެސްޖީ އެއްވަނައިގައި އޮތީ ކުޅުނު 4 މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް ރޭ ވަނީ ގަލަތަސަރާއި އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. ރެއާލްއަށް ކުޅުނު 4 މެޗުން 7 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބްރޫޖްއަށް 4 މެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ. އަދި ފުލުގައި އޮތް ގަލަތަސަރާއި އަށް 4 މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.