ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ޑިފެންޑަރު ކައިލް ވޯކާ ފަހުވަގުތު މެންޗެސްޓާ ސިޓީގެ ގޯލް ބެލެހެއްޓިއިރު، މި މެޗުން އެޓަލާންޓާއާ 1-1 އިން ސިޓީ އެއްވަރުވެއްޖެ އެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ސިޓީން ވަނީ ލީޑު ނަގާފައެވެ. ގެބްރިއަލް ޖިސޫސްގެ އެހީއާއެކު މެޗުގެ ހަތްވަނަ މިނެޓުގައި މި ގޯލް ޖެހީ ރަހީމް ސްޓާލިން އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީއަށް ވަނީ ލީޑު ފުޅާކުރަން ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު ގެބްރިއަލް ޖިސޫސް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.

މި މެޗުގައި އެޓަލާންޓާއިން ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. ގޮމޭޒްގެ އެހީއާއެކު މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗް އެވެ.

މި މެޗުގެ ދެވަނަ ހާފު ފެށިތަނާހެން ސިޓީގެ ގޯލްކީޕަރު އެޑާސަންއަށް އަނިޔާވުމުން، ބަދަލު ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ކުޅެން އަރުވާފައެވެ. އެކަމަކު މެޗުގެ 81 ވަނަ މިނެޓުގައި އޭރިއާ ބޭރުން އިލިސިޗްއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ބްރާވޯއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ސިޓީގެ ބެންޗުގައި އިތުރު ގޯލްކީޕަރެއް ނެތުމުން، އެޓީަމުން ކީޕަރަކަށް ދެން އަރުވާފައިވަނީ ޑިފެންޑަރު ކައިލް ވޯކާއެވެ. އިތުރު ވަގުތުގެ ގޮތުގައި މި މެޗުގައި 8 މިނެޓުގެ ކުޅުން ދެއްކިއިރު، ވޯކާ ވަނީ ގޯލްކީޕަރެއްގެ ގޮތުގައި ދެ ސޭވުކޮށްފައެވެ.

މި މެޗުން ސިޓީ އެއްވަރުވިއިރު، އެޓީމު އޮތީ ގްރޫޕް ސީގެ އެއްވަނައިގައި ކުޅުނު 4 މެޗުން 10 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޝަޚްތާރު ޑޮނިއެސްކް އާއި ތިންވަނައިގައި އޮތް ޑީނަމޯ ޒެގްރެބް އަށް ކުޅުނު 4 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ. މި ގްރޫޕްގައި ރޭ ޝަޚްތާރު ޑޮނިއެސްކް އާއި ޑީނަމޯ ޒެގްރެބް ބައްދަަލުކުރި މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.