ފްލައިމީގެ އެތެރޭގެ އުދުހުންތައް ފުޅާކުރުމަށް ވިލާ އެއަރ އިން ގެންނަ އައު މަތިންދާ ބޯޓު މިއަދު މެންދުރު ރާއްޖެ އަންނާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ފްލައިމީން ބުނީ މި ބޯޓް މިއަދު 13:15 ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާނެ ކަމަށެވެ.

ފްލައިމީއިން ގެންނަނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓެކެވެ. 72 މީހުންގެ ޖާގައިގެ މި ބޯޓަކީ ފްލައިމީން ގެންނަ އޭޓީއާރު 600-72 މަރުކާގެ ތިންވަނަ ބޯޓެވެ.

ވިލާ އެއަރގެ މެނޭޖިނގް ޑިރެކްޓަރ އަބްދުﷲ ނާޝިދު ވިދާޅުވީ ވިލާ އެއަރގެ އޮޕަރޭޝަން ފުޅާކޮށް ޑިމާންޑާ އެއްވަރަށް ދަތުރުތައް އިތުރުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް ފްލައިމީގެ ޕްލޭނެއް އެބައޮތް ކަމަށެވެ. ނާޝިދު ވިދާޅުވީ މިއަދު ރާއްޖެ ގެންނަ މި ބޯޓާއެކު ފްލައިމީން މިހާރު ދަތުރުތައް ނުކުރާ އެއާޕޯޓެއް ކަމަށްވާ، ރ އަތޮޅު އިފުރު އެއާޕޯޓަށް ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށެވެ. ރ އަތޮޅަކީ މިހާރު ވެސް ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ އަތޮޅެކެވެ. އަދި އިތުރު ރިސޯޓުތައް މިހަރުވެސް ރ އަތޮޅުގައި ދަނީ ތަރައްގީ ކުރަމުނެވެ.

ފްލައިމީން ގެންނަ އައު މަތިންދާ ބޯޓު ރާއްޖެ އައުމަށް ދަތުރު ކުރަނީ... ފޮޓޯ: ފްލައިމީ

ނާޝިދު ވިދާޅުވީ މިހާރު ތަރައްގީ ކުރަމުންދާ ނ. މާފަރު އެއަރޕޯޓަށްވެސް ހުއްދަ ލިބުމާއެކު ފްލަިމީގެ ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ފްލައިމީން ދޭ ޚިދުމަތްތަކަކީ ކަސްޓަމަރުން ހިތްހަމަޖެހޭ ޚިދުމަތްތަކަށް ހެދުމަށް ދުވަހުން ދުވަހަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިވެ.

ފްލައިމީން މިހާރު ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިލި އަދި ބ. ދަރަވަންދޫ ހިމެނެއެވެ. އައްޑޫ ސިޓީ އަދި ފުވައްމުލަކަށް ފްލައިމީން ދަތުރުކުރި ނަމަވެސް އެދެ އަތޮޅަށް ކުރާ ދަތުރުތައް ވަގުތީގޮތުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

ފްލައިމީން ގެންނަ އައު މަތިންދާ ބޯޓު ރާއްޖެ އައުމަށް ދަތުރު ކުރަނީ... ފޮޓޯ: ފްލައިމީ

ފްލައިމީން ވަނީ އައު ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިމުމުން ކުންފުނީގެ ސީޕްލޭންތައްވެސް ގެންނަން ނިންމާފައެވެ.

ރާއްޖޭގެ ކަނޑުތަކުން ފެންނަ ރީތި އެކި މަސްމަހާ މެހީގެ ޑިޒައިންތަކަށް ތައްޔާކުރާ މި ސީޕްލޭންތަކަކީ ކެނެޑާގެ އުފެއްދުމެއް ކަމުގައިވާ ފޯޑި ހެވިލެންޑް ކެނެޑާ 300 މަރުކާގެ ބޯޓުތަކެކެވެ. އެގޮތުން މި ސީޕްލޭންތަކުން ފެންނާނީ ރީނދޫ އުރަހަ ކަންނެލި، ފަންހާ މަސް، ވައިފިޔަ މަޑި އަދި ފެހު ރިހީގެ ފަރުމާތަކެވެ.