ކ. ގިރިފުށީގައި ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީނު ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިކަމާ ގުޅޭ ބަޔާނެއް ރޭ ނެރެފައިވަނީ އިއްޔެ ގިރިފުށީގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގައި ޖެހި ވަޒަނަކުން އެ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ހުރި ފަތުރުވެރިއެއްގެ ކަރު ޒަޚަމްވެފައި ވަނިކޮށްނެވެ.

މިކަމާގުޅިގެން އެމްއެންޑީއެފުން އިނގިރޭސީ ބަހުން ނެރުނު ބަޔާނުގައި ވަނީ މަޢާފަށް އެދިފައެވެ. ހާދިސާ ހިނގީ، އެ ސަފާރީއާ ދިމާލަށް ސީދާ ވަޒަން ޖަހައިގެން ނޫން ކަމަށާއި އިއްޔެގެ ހާދިސާއަކީ ވަރަށް މަދުން ނޫނީ ނުހިނގާނެ ފަދަ ހާދިސާއެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އަދި އެ ވަޒަނަކީ އެހެން ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ ވަޒަނެއްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން މިހާރު ތަހުގީގެއް ކުރަމުންދާ ކަމަށާއި ލައިވް ވަޒަން ބޭނުން ކުރުން ހުއްޓާލަން އަންގާފައިިވަނީ އެ ތަހުގީގު ނިމެންދެން ކަމަށް އެމްއެންޑީއެފުން ބުނެެއެވެ.

އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ހިންގިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނުގައި ވަނީ ލައިވް ވަޒަން ބޭނުންކޮށްގެން ހަދާ ތަމްރީނުތަކަކީ ކޮންމެހެން ވެސް މުހިންމު ތަމްރީނުތަކެއްކަމަށާއި އެހެންނަމަވެސް އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަން އެއަށްވުރެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

ގިރިފުށީގެ އިތުރުން ސިފައިންގެ ތަމްރީންތައް ބާއްވަނީ ޅ. މާފިލާފުށީގަ އެވެ.

މީގެކުރިން ގިރިފުށީ ތަމްރީނެއްގައި ޖެހި ވަޒަނެއް ހިންމަފުށީ ގެއެއްގެ ދޮރަށް އެރި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެހެންނަމަވެސް އެއީ އެމްއެންޑީއެފުން ޖެހި ވަޒަނެއް ނޫންކަމަށް އޭރު ވަނީ ބުނެފައެވެ.