އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ފޭދޫގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އެ ރަށުގެެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިއީ އެ ބޭންކުން ކުރިއަށް ގެންދާ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރުގައި އިފްތިތާހު ކުރެވުނު ފުރަތަމަ ޕްރޮޖެކްޓް ކަމަށެވެ. ށ.ފޭދޫގައި މިކަން ރަސްމީކޮން އިފްތިތާހު ކުރުމުގެ ގޮތުން ވަނީ އެރަށުގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްފައެވެ. އެގޮތުން ފޭދޫގައި 1000 ފުޅި ވަނީ ބަހާފައެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.

ތިމާވެށި ހިމާޔަތްކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދެން. އަޅުގަނޑުމެންގެ އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށްގޮސް މިރަށަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިޔުން."
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު

ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޕްރޮޕޯސަލް ކާމިޔާބު ކުރި ފޭދޫ އެންވަރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ގެ ފަރާތުން އިސްމާއިލް ފަޒީލް ވިދާޅުވީ ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރިޔަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް ރަނުގެ ފުރުސަތެއް ކަމަށާ އެގޮތުން ކޮމިއުނީ ފަންޑު އިއުލާނު ކުރުމުން ޖަމިއްޔާއިން ވިސްނީ އެރަށަށް މިވަގުތު އެންމެ މުހިންމު ކަންތައް ކަމަށެވެ.

ފަންޑުގެ އެހީގައި މިރަށުގެ ކޮންމެ ގެއަކަށް މިއަދު މި ވަނީ ބިއްލޫރި ފުޅި ހަދިޔާ ކުރެވިފަ. މިއީ، މި ރަށުގެ ހުރިހާ ރައްޔިތުންވެސް ޕްލާސްޓިކް ނޫން ގޮތެެއް ހިޔާރު ކުރުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއް."
ފޭދޫ އެންވަރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ގެ ފަރާތުން އިސްމާއިލް ފަޒީލް

ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.