އުމްރާވެރިންގެ ވިސާ ޖެހުމަށް ނަގާ އަގުތައް ހެޔޮކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒުން ބުނީ ޢުމްރާގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށްދާ ޢުމްރާވެރިންގެ ވިސާޖެހުމަށް ނަގާ އަގުތަކަށް ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ މުއައްސަސާތަކުން މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މިގޮތުން މިހާރު ނަގާނީ 300 ރިޔާލުކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާވެރިންގެ ތެރެއިން، އެއްފަހަރަށްވުރެ ގިނަ ފަހަރު އުމްރާއަށްދާ މީހުންގެ އަތުން ކުރިން 2000 ރިޔާލު ނަގާކަމަށާއި މި ބަދަލާއިއެކު ރިޕީޓާސް ފީގެ ގޮތުގައި ނަގާ އަދަދު ދެން ނުނަގާނެކަމަށެވެ.

އެހެންކަމުން މިހާރު އަލަށް އުމްރާއަށް ދާ މީހުންނެކޭ އެއްގޮތަށް އެއްފަހަރަށްވުރެގިނަ ފަހަރު އުމްރާއަށްދާ އުމްރާވެރިންގެ އަތުންވެސް ނަގާނީ 300 ރިޔާލުކަމަަށް އެމިނިސްްޓްރީން ބުނެއެވެ. އަދި މީގެ އިތުރަށް އިތުރު ފީއެއް ނުނަގާނެކަމަށް ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން މަޢުލޫމާތު ދީފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެހެން ނަމަވެސް، ތަފާތު އެޖެންޓުން މެދުވެރިކޮށް ވިސާ ނަގާއިރު އެފަރާތްތަކުން ދޭ ޚިދުމަތްތަކާގުޅިގެން އެފަރާތްތަކުން އިތުރު ފައިސާ ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށާ، އެއީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އަންގައިގެން ނަގާ ފީތަކެއް ނޫންކަމަށްވެސް ސަޢުދީ އެމްބަސީ އާއި ހަވާލާދީ އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.