ވިމެން އިން ޓެކް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހަތަރު ދާއިރާއަކަށް އަމާޒުކޮށް، ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

ސްޓެމް ފެސްޓްގެ ނަމުގައި ބާއްވަން ނިންމާފައިވާ މި ފެސްޓިވަލް އަމާޒުކޮށްފައިވަނީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (ސްޓެމް) ގެ ދާއިރާއަށެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިމެން އިން ޓެކްގެ ވައިސް ޕްރެޒިޑެންޓް ނިއުމާ ފާއިޒް ވިދާޅުވީ މިފަދަ ފެސްޓިވަލްއެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ސްޓެމް ދައިރާގައި ހަރަކާތްތެރިވާ އެކި އެކި ފަރާތްތަކުންދޭ ޚިދުމަތްތައްކާއި ހިންގާ ޕްރޮގްރާމްތައް އަދި ޕްރޮޑަކްޓްތައް އާންމުންނަށް ދައްކާލުން ކަމަށެވެ.

މީގެ ސަބަބުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އާންމުންނާއި ހިއްސާކުރެވި، އެދާއިރާއަށް ޝައުގުވެރިވާ ކިޔަވާ ކުދިންނާއި އެހެން ފަރާތްތަކަށްވެސް މިދާއިރާގައި ލިބެން ހުރި ހިދުމަތްތަކާއި ފުރުސަތުތައް ހާމަވެގެންދާނެކަމަށް ނިއުމާ ވިދާޅުވިއެވެ. ނިއުމާ ވިދާޅުވީ މި ފެސްޓިވަލްގައި މިހާތަނަށް ބައިވެރިވެފައިވަނީ 20 އެކްސިބިޓަރުން ކަމުގައެވެ.

މި އެގްސިބިޓަރުންގެ ތެރޭގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިރައިން އަދި މެތަމެޓިކްސް މި ހަތަރު ދާއިރާ ހިމެނޭ ގޮތަށް އެކި ފަންތީގެ އިދާރާތައް ހިމެނޭ ކަމަށް ނިއުމާ ވިދާޅުވިއެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތައް އަދި ސްޓާޓްއަޕްތަކާއި އެންޖީއޯ އަދި ޔުނިވަރސިޓީ ވެސް ހިމެނޭގޮތަށެެ.

މި ފެސްޓިވަލް ބޭއްވުމުގައި ބައިވެރިވާ ހޯސްޓިންގ ޕާރޓްނަރެއްގެ ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗްޑީސީ) ހަމަޖައްސައި ބުރާސްފަތި ދުވަހު ވަނީ ވިމެން އިން ޓެކް މޯލްޑިވްސްއާ އެ ކޯޕަރޭޝަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެޗްޑީސީގެ ފަރާތުން އެގްރީމެންޓްގައި ސޮއެކުރައްވާފައިވަނި މެޖޭނިންގ ޑައިރެކްޓަރ ސުހައިލް އަޙްމަދެވެ. އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އެންޖީއޯގެ ރައީސް ހަފްސަތު އަލީމް ސޮއިކުރައްވާފައިވެއެވެ.

މިކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ ކޮމިއުނިޓީ ހެޑް އޮފް މެނޭޖަރ މުހައްމަދު ހިސާން ވިދާޅުވީ މި އެގްސިބިޝަންގައި އެޗްޑީސީއިން ހޮސްޓިން ޕަޓްނަރެއްގެ ގޮތުގައި ބައިވެރިވެފައިވާނަމަވެސް އެޗްޑީސީގެ ބައެއް ހަރަކާތްތައް އެގްސިބިޝަންގައި ދައްކާލެވޭނެ ކަމުގައެވެ. އެގޮތުން އެޗްޑީސީއިން ތައާރަފުކޮށްފައިވާ މައި ހުޅުމާލެ ޕޯޓަލްއާ ބެހޭ މައުލޫމާތު އާންމުންނަށް ދެވޭނެ ކަމުގައެވެ. މީގެ އިތުރުން އެޗްޑީސީ އިން ހިންގާ ސިލްސިލާ ޕްރޮގްރާމެއް ކަމަށްވާ މަންސާ، ހުކުރު ދުވަހުގެ ރޭ ކުރިއަށް ދާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

ސްޓެމް ފެސްޓް 2019 ބާއްވަން ހަމަޖައްސާފައިވަނީ ނޮވެމްބަރ 8 އަދި 9 މި ދެ ދުވަހުއެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ދެދުވަހުގެވެސް ހަވީރު 4 އިން ރޭގަނޑު 11 ޖެހުމާ ހަމައަށެވެ.