ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މިމަހު މާލޭގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ސަޕޯޓަރުންވެސް ތައްޔާރުވާ ފަދައިން، ކުޅުންތެރިންވެސް އެވަރަށް ތައްޔާރުވާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފިލްޑަރު ހުސައިން ނިހާން (ނިހާޓް) ބުނެފި އެވެ.

މިމަހު މާލޭގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު އަންނަނީ މެލޭޝިއާގައި ކޭމްޕް ކުރަމުންނެވެ.

މެލޭޝިއާގައި ކުރިއަށްދާ ތަމްރީނުތަކުގެ ތެރެއިން ނިހާން ބުނީ މި ދެ މެޗަށް ތައްޔާރުވުމަށް މިހާރު ކުރިއަށްދާ ކޭމްޕަކީ ވަރަށް މުހިންމު ކޭމްޕެއް ކަމަށެވެ. މި ކޭމްޕްގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް އަންނާނެ ކަމަށާއި، ޓީމުގެ ރޫހު ވަރަށް ރަނގަޅު ކަމަށެވެ. އޭނާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަމާޒަކީވެސް ކުރިއަށް މިއޮތް ދެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށާއި، މި ދެ މެޗަށް ސަޕޯޓަރުން ތައްޔާރުވާ ފަދައިން ކުޅުންތެރިންވެސް ތައްޔާރުވާނެ ކަމަށެވެ.

ޓީމު ސްޕިރިޓް ވަރަށް ރަނގަޅު، ހުރިހާ ކުޅުންތެރިންވެސް އެއްކޮށް ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން އަންނަނީ. މިއީ ވަރަށް މުހިންމު ކޭމްޕެއް ހަމަ ކުރިއަށް އޮތް ދެ މެޗުގެ ކުރިން. މި ކޭމްޕުން ޓީމަށް ރަނގަޅު ކުރިއެރުން ލިބޭނެ. އަސްލު އަހަރުމެންގެ ބާރަވަނަ ކުޅުންތެރިޔާ ސަޕޯޓަރު. އެހެންކަމުން ސަޕޯޓަރުން އެހާވަރަށް ތައްޔާރުވަންޔާ ހުރިހާ ކުޅުންތެރިންވެސް އެހާވަރަށް ތައްޔާރުވާނެ.
ނިހާން

ގައުމީ ޓީމުގެ ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ) ބުނީ މި ކޭމްޕަކީ ޓީމަށާއި އޭނާއަށްވެސް ވަރަށް މުހިންމު ކޭމްޕެއް ކަމަށެވެ. އެގޮތުން މި ދަތުރުތަކުގައި ސީނިއާ ކުޅުންތެރިންގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވާ ކަމަށާއި، ބޮޑު ހިތްވަރެއް ލިބޭ ކަމަށްވެސް ބުންޏެވެ.

ރާއްޖެއިން ބޭރުގައި ކޭމްޕް ކުރާއިރު ހުރިހާ އެންމެންވެސް އެއްތާކު ތިބެގެން އެއްކޮށް އުޅޭއިރު ޓީމް ވޯކް ވަރުގަދަވާނެ ކަމަށް މިބަލަނީ. ކުރިއެރުންވެސް އަންނާނެ ބޮޑަށް ކޭމްޕްތަކުން. ދެން ސީނިއާ ކުޅުންތެރިންގެ ފަރާތުން އަސްލު ވަރަށް އެހީ ލިބޭ ކަންކަން ރަނގަޅު ކުރަން. އޮގީއަށް ކަންކަން ރަނގަޅުކުރެވެނީ އެގޮތަށް.
ޖައިލަމް

މެލޭޝިއާގައި ކުރިއަށްދާ ކޭމްޕަށްފަހު ޓީމު އެނބުރި މާލެ އަންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ޕިލިޕީންސްއާ ދެކޮޅަށް ކުޅޭއިރު، 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭނެއެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ހަތަރުވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބި އެވެ.