ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 17 އަށް ތާވަލުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ހަމަޖައްސާފައިވަނީ 17 ވަނަ ދުވަހުގެ މެންދުރު 1:30 ގައެވެ. އަދި ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ޗިޓު ފޮނުވާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމީންގެ ކުރާ މަނީ ލޯންޑަރިންގެ މައްސަލައިގެ ހުކުމް ކުރުން މީގެ ކުރިން އޮތީ މިމަހުގެ ފަސް ވަނަ ދުވަހަށް ތާވަލްކޮށްފައެވެ. އޭރު މައްސަލަ ބަލަމުންދިޔައީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަަދު ހައިލަމެވެ. ނަމަވެސް ހުކުމް ކުރުމަށް ހަމަޖައްސާފަ އޮތް ދުވަހުގެ ކުރީ ދުވަހު ގާޒީ ހައިލަމް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ކުރިމިނަލް ކޯޓުގެ އޮފިޝަލް ވައިބަރ ގްރޫޕަކަށް ފޮނުވި ފޮޓޯއަކާ ގުޅިގެންނެވެ. އެފޮޓޯއަކީ ނަޞްރުގެ ދުަވަހުގެ ތަހުނިޔާ ކިޔުމަށް ފޮނުވި މެސެޖެކެވެ. އެފޮޓޯގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ބައެއްގެ ކަރުގައި ޗޭނު ޖަހާފާއި ވަނިކޮށެވެ.

މި މެސެޖް ސޯޝަލް މީޑިއާގައި ދައުވެ މަޖިލިހުގައިވެސް މިކަމަށް ބަހުސްކޮށް މަޖިލިސް ހޫނުވެފައި ވަނިކޮށް މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ހައިލަމް ވަނީ އެކަމަށް މައާފަށް އެދި ބަޔާނެއް ނެރުއްވާފައެވެ. އަދި އެފޮޓޯ ފޮނުވުނީ ރަނގަޅަށް ބަލައިނުލާ ކަމަށް ހައިލަމް ވިދާޅުވިއެވެ.

މިމައްސަލައިގަގާޒީ ހައިލަމް ސަސްޕެންޑްކޮށް ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދު އާއި ވަނީ ހަވާލުކޮށްފައެވެ. އެހެންނަމަވެސް 17 ވަނަ ދުވަހު ބާއްވާ އަޑުއެހުން ކުރިއަށްދާނީ ސީދާ ގާޒީ އަލީ ރަޝީދު ކަމެއް އަދި ޔަގީނެއް ނޫނެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުން ދެން އެ މައްސަލާގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގަންނަވާ ގާޒީ އެވެ. އެގޮތުން އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން އެހެން ގާޒީއަކާ މައްސަލަ ހަވާލު ކޮށްގެން އެ މައްސަލަ ކުރިއަށް ގެންދަން ނިންމުން ނުވަތަ ޝަރީއަތް އަލުން ފަށަން ނިންމިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.