ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ދޭ މޯލްޑިވްސް ބޯޓިން އެވޯޑްސްއަށް 29 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ބޯޓިން އެވޯޑްސް ދޭން ނިންމާފައިވާއިރު، މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނިީ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ ޖަޖުންގެ ޕެނަލްއިން ދޭ 70 ވޯޓާއި، އެސްއެމްއެސް މެދުވެރިކޮށް 30 އިންސައްތައިގެ މާކްސް ލިބޭ ފަރާތްތަކަށް ކަމުގައެވެ. އަދި މިފަހަރުގެ އެވޯޑަށް 29 ދާއިރައަކުން ކުރިމަތިލެވޭނެ ކަމަށް އެންބީއޭއެމް އިން ވަނީ ބުނެފައެވެ.

ބޯޓިން އެސޯސިއޭޝަނުން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބޯޓިން އެވޯޑްސްއަކީ ކޮންމެ އަހަރަކުވެސް އެ އެސޯސިއޭޝަނުން ދެމުން އަންނަ އެވޯޑެކެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ މި އެވޯޑަކީ ބޯޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެއް ކަމުގައެވެ.

ބޯޓިން އެވޯޑްސްގެ އިތުރުން ބޯޓިން އެސޯސިއޭޝަނުން ވަނީ ބޯޓިން ދާއިރާގައި މަަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ އެފަރާތްތަކުގެ މަސައްކަތްތައް ދައްކާލައި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން މެރިން އެކްސްޕޯއެއްވެސް ކުރިއަށްގެންގޮސްފައެވެ.

މިދިޔަ މަހު ބޭއްވި މި އެކްސްޕޯ އަށް ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ބޯޓިންގް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.