ސަރުކާރުން ތަޢާރަފުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ތަރައްޤީއަށް ބާރުލިބޭނެ މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް ކަމަށް ވޯލްޑް ބޭންކުގެ ވަފުދުން ހާމަކޮށްފިއެވެ.

ވޯލްޑް ބޭންކުން މިކަން ހާމަކޮށްފައިވަނީ ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ އެ ބޭންކުގެ ވަފުދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ކުރެއްވުންތަކުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވޯލްޑް ބޭންކުގެ ވަފުދާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ މަޝްރޫޢުތައް ކުރިޔަށްގެންދިއުމުގައި ވޯލްޑް ބޭންކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްޖޭގެ މާލީ ހާލަތާއި ބެހޭގޮތުންނާއި އެކިއެކި މަޝްރޫޢުތަކަށް ފައިސާ ހޯދުމާބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުން ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި 2023 ވަނަ އަހަރުން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އިއުލާންކުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަންވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޤައުމަށް ލިބޭ ތަނަވަސްކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ބެހިގެންދާނެގޮތަށް ކަންކަން އިންތިޒާމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ވޯލްޑް ބޭންކުގެ ވަފުދުގެ ބޭފުޅުން މި ބައްދަލުކުރެއްވުމުގައި ވަނީ އެ ވަފުދުން ދާދިފަހުން އައްޑުއަތޮޅަށް ކުރެއްވި ދަތުރާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އައްޑޫއަށް ކުރި ދަތުރަކީ ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދިޔަ ދަތުރެއްކަން ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ލާމަރުކަޒީ ނިޒާމުގެދަށުން ރާއްޖެ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި މިހާރު ސަރުކާރުން ތަޢާރަފުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ތަރައްޤީއަށް ބާރުލިބޭނެ މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް ކަމުގައި ވޯލްޑް ބޭންކުގެ ވަފުދުން ފާހަގަކުރެއްވިއެވެ.

ވޯލްޑް ބޭންކުގެ ޓީމުން ވަނީ ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ މާލީދާއިރާ ހަރުދަނާކުރުމަށް އެ ބޭންކުން އެހީތެރިވާން ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާ ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ކުރިމަގުގައިވެސް އެގުޅުން އެގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި ވޯލްޑްބޭންކުގެ ވަފުދުންވެސް ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.