ގަލޮޅު ސްކޫލުގެ ޤުރުއާން ކްލާހުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރީ ބުދަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން ތުއްތުކުދިންގެ ފިޔަވަޅު ބައި، ހިފްޡް ކްލާސްތަކުގެ ބައި، ޤާރީ ކޯސްތަކުގެ ބައިގެ އިތުރުން މުޅި މުބާރާތުން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްފައެވެ.

ތުއްތުކުދިންގެ ފިޔަވަޅު ބައިން އެއްވަނަ ހޯދާފައިވަނީ މުހައްމަދު ޔޫހު ޝަފީގެވެ. ހިފްޡް ކްލާސްތަކުގެ ބައިން އެއްވަނަ ބިލާލް ބިން އަހުމަދު ހޯދާފައިވާއިރު، ޤާރީ ކޯސްތަކުގައި ބައިން އެއްވަނަ ހޯދާފައިވަނީ ރީޝާ ސުޖާއުއެވެ. ރީޝާ ވަނީ މުޅި މުބާރާތުންވެސް އެއްވަނަ ހޯދާފައެވެ.

މި ރަސްމިއްޔާތުގައި ވަނީ ގަލޮޅު ސްކޫލުގެ ގުރުއާން ކްލާހުގައި ބައިވެރިވެ ޚަތިމް ކްލާސް ނިންމި ދަރިވަރުންނަށް ދުއާ ވެސް ލައިދީފައެވެ. ދަރިވަރުންނަށް ދުއާ ލައިދެއްވީ އިސްލާމިކް ޔުނިވާސިޓިގެ ލެކްޗަރާއެއް ކަމަށްވާ އަލްޙާފިޡް އަލްޤާރީ އިބްރާހިމް ރަމްޒީއެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހީމް ރާފިއު ދެއްކެވި ވާހަކަފުޅުގައި ގަލޮޅު ސްކޫލުގެ ގުރުއާން ކްލާހަކީ ވަރަށް ކާމިޔާބުކަމާއެކު ހިންގާ ކްލާހެއްކަން ވަނީ ފާހަގަކުރައްވާފައެވެ. މިކްލާހަކީ ގުރްއާން ކްލާސް ނިންމާ ދަރިވަރުންނަށް އެކިއެކި ކޯސްތަކުގައި ބައިވެރިވުމަށް ފުރުސަތު ތަނަވަސްކޮށްދޭ ތަނެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކީރިތި ޤުރްއާނުގެ މާތްކަމާއި މަތިވެރިކަމަށްވެސް އޭނަގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.