• ކާބޯތަކެއްޗާއި ބޭހާއި ގުޅޭގޮތުން ފޯރުކޮށްދޭ ޚިދުމަތްތައް
  • ރަޖިސްޓްރޭޝަންތަކާއި ހުއްދަތައް އަދި ހެލްތު ކްލިއަރަންސް ލިބިގެންދާނެ
  • ސިއްހީ ހިދުމަތް ޑިޖިޓަލައިޒް ކުރުމަށް އިތުރުވި ބޮޅެއް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދެމުން އަންނަ ޚިދުމަތްތައް އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގައި ލިބޭނެ ގޮތަށް ޕޯޓަލެއް ތައާރަފް ކޮށްފިއެވެ.

"ދިރިތި" ނަމުގައި އިފުތިތާހު ކުރި މިޕޯޓަލަކީ އާއްމު ފަރުދުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ލުއިފަސޭހަކަމާއިއެކު ދިނުމަށާއި މަސައްކަތުގެ ދުވެލި އަވަސްކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ލުއިފަސޭހައެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަކީ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ބެލެހެއްޓުމަށް އެތަކެތީގެ ރަޖިސްޓްރޭޝަންއާއި ހުއްދަ ދިނުމުގެ ޚިދުމަތް ދެމުން އަންނަ މުއައްސަސާއެކެވެ.

"ދިރިތި" ޕޯރޓަލުން ކާބޯތަކެއްޗާއި ބޭހާއި ގުޅޭގޮތުން އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް "އޮންލައިން" ނިޒާމެއްގެ ތެރެއިން ވަރަށް ފަސޭހަކަމާއިއެކު ލިބިގެންދާނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ގޮތުން އެމްއެފްޑީއޭއިން ދޫކުރަމުންދާ ކާބޯތަކެއްޗާއި ބޭހާއި ގުޅޭ ރަޖިސްޓްރޭޝަންތަކާއި ހުއްދަތައް އަދި ހެލްތު ކްލިއަރެންސް ހޯދުމުގެ މަސައްކަތުގެ ދުވެލި އަވަސްވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

"ދިރިތި" ނިޒާމް ތައާރަފްވެ، "ނެޝަނަލް ސިންގަލް ވިންޑޯ" ވިއުގައަށް ގުޅައިލުމުން، އެހެނިހެން އެޖެންސީތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ބަދަލުކުރެވޭ ލިޔެކިއުންތައް ބަދަލުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށާއި މިއީ ވިޔަފާރިވެރިން އެ ފަރާތްތަކުގެ މަސައްކަތެއް ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކަށް އެކިފަހަރު މަތިން ކުރަންޖެހޭ ދަތުރުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއް ކަމުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

މިއީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރިހަމަވެގެންދާ ކަމެއް ކަމަށާއި އެހެންކަމުން މިއީ ސަރުކާރަށް ލިބިގެންދިޔަ އިތުރު ކާމިޔާބީއެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.