ފްލައިމީގެ އެތެރޭގެ އުދުހުންތައް ފުޅާކުރުމަށް ވިލާ އެއަރ އިން ގެނައުމަށް ހަމަޖެއްސި އައު މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ.

ފްލައިމީގެ މި ބޯޓު ރާއްޖެ ގެންނާތީ އެކަމަށް ޚާއްސަކޮށްގެން މާމިގިލީ އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވިލާ ގްރޫޕްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ބައިވެިރިވެވަޑައިގެންފައި ވާއިރު، މި ފްލައިޓުގައި ޚާއްސަ ބޭފުޅެއްގެ ގޮތުގައި ދަތުރުކުރައްވާފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއެވެ.

ފްލައިމީން ގެނެސްފައި ވަނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓެކެވެ. 72 މީހުންގެ ޖާގައިގެ މި ބޯޓަކީ ފްލައިމީން ގެނައި މި މަރުކާގެ ތިންވަނަ ބޯޓެވެ. މި ބޯޓު ރާއްޖެ ގެނެސް ފްލައިމީގެ ދަތުރުތައް އިތުރަށް ފުލާކުރުމަށް ނިންމާފައިވާއިރު ވިލާ އެއަރގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދު ވިދާޅުވީ މި ބޯޓާއެކު ފްލައިމީން މިހާރު ދަތުރުތައް ނުކުރާ އެއާޕޯޓެއް ކަމަށްވާ، ރ އަތޮޅު އިފުރު އެއާޕޯޓަށް ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށެވެ.

( ވީއައިއޭ ، 7 ނޮވެމްބަރު 2019 ) -- ފްލައިމީގެ އެތެރޭގެ އުދުހުންތައް ފުޅާކުރުމަށް ވިލާ އެއަރ އިން ގެނައި އައު ބޯޓް ރާއްޖެ އައުން -- ވީފޮޓޯ : އަހުމަދު ޝުރާއު

އަދި މީގެ އިތުރަށް މިހާރު ތަރައްގީ ކުރަމުންދާ ނ. މާފަރު އެއަރޕޯޓަށްވެސް ހުއްދަ ލިބުމާއެކު ފްލައިމީގެ ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ފްލައިމީން ދޭ ޚިދުމަތްތަކަކީ ކަސްޓަމަރުން ހިތްހަމަޖެހޭ ޚިދުމަތްތަކަށް ހެދުމަށް ދުވަހުން ދުވަހަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނާޝިދ ވަނީ ވިދާޅުވެފައެވެ.

ފްލައިމީން މިހާރު ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިއްޔާއި ބ. ދަރަވަންދޫ ހިމެނެއެވެ. އައްޑޫ ސިޓީ އަދި ފުވައްމުލަކަށް ފްލައިމީން ދަތުރުކުރި ނަމަވެސް އެދެ އަތޮޅަށް ކުރާ ދަތުރުތައް ވަގުތީގޮތުން މިހާރު ވަނީ މެދުކަނޑާލާފައެވެ.