ކުރީގެ ނާއިބުރައީސް އަހުމަދު އަދީބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ ދައުވާ ދައުލަތުން އެދިގެން ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓަށް ދައުލަތުން މި މައްސަލަ ހުށަހެޅީ ޅ.މާބިންހުރާ މައްސަލާގައި އަދީބުގެ މައްޗަށް އިއްވި އަށް އަހަރުގެ ޖަލުހުކުމް ހައިކޯޓުން ބާތިލްކުރުމުންނެވެ. ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރު އަދީބަށް ހުކުމްކުރީ މާބިންހުރާގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު ދައުލަތަށް ނުލިބިގެނެވެ.

ސުޕްރީމް ކޯޓުން ބުނީ ދައުލަތުން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ޕީޖީ އޮފީހުން އަނބުރާ ގެންދަން ނިންމުމުން، މައްސަލަ އިތުރަށް ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދައުވާ ފޯމު ބާތިލްކުރީ ކަމަށެވެ.

އަދީބުގެ މައްޗަށް ޖުމްލަ 33 އަހަރުގެ ޖަލުހުކުމް އިއްވި ނަމަވެސް ހުރިހާ ހުކުމެއް ވަނީ ބާތިލްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާބިންހުރާ މައްސަލާގައި އިއްވި 8 އަހަރުގެ ޖަލުހުކުމާއި، ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އިއްވި 10 އަހަރުގެ ހުކުމާއި، ކުރީގެ ރައީސް ޔާމީން ދަތުރުފުޅު ކުރައްވަމުން ގެންދަވަނިކޮށް ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އިއްވި 15 އަހަރުގެ ޖަލުހުކުމެވެ.

އަދީބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފުގެ މައްސަލައިގެ ދައުވާ ދައުލަތުން އެދިގެން ބާތިލްކޮށްފައިވާއިރު، މި މައްސަލާގައި ވަކި ގޮތެއް ނިމެންދެން އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަތް މައްސަލާގައި ދާދިފަހުން ވަނީ 3 މަހާއި 18 ދުވަހުގެ ޖަލުހުކުމެއް ވެސް އިއްވާފައެވެ. މީގެ އިތުރަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އައު ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލައި މިހާރު ވަނީ ޝަރީއަތް ފަށާފައެވެ.