• ފޮނުވާފައިވަނީ އަފްރާޝީމާއި ރައުދާގެ މަރުގެ ރިޕޯޓު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓު ރައީސް އޮފީހަށް ފޮނުވައިފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނުން މިރިޕޯޓު ރައީސް އޮފީހަށް ފޮނުވާފައިވާކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައެވެ.

ޑރ.އަފްރާޝީމް އަވަހާރަކޮށްލާފައި އޮއްވައި ފެނުނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުގެރޭގެ ދަންވަރު 12:09 ހާއިރު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލު ގޭގެ ސިޑިމަތިންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނާ ވަނީ ހަވާލުކުރައްވާފައެވެ.

އަފްރާޝީމް އަވަހާރަކޮށްލި ފަހުން މިހާރު ވަނީ ހަތް އަހަރު ފުރިފައެވެ. މަރު ކޮމިޝަނުން ވަނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. އަދި އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރަށް އަފްރާޝީމް އަވަހާރަކޮށްލިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒުވެސް ވަނީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި މިމައްސަލާގައި ރިޔާޒަށް އެނގިވަޑައިގެންފައިވާ ހުރިހާ މައުލޫމާތެއް ކޮމިޝަނާ ހިއްސާ ކުރައްވާފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި ފެނުނު ރައުދާ އާތިފްގެ މަރުގެ މައްސަލަ ބަލައި ނިންމުމަށްފަހު އެރިޕޯޓުވެސް ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށްް ކޮމިޝަނުން ވަނީ ބުނެފައެވެ.

ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލަދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން، 2017 މާޗް 29 ވަނަ ދުވަހުއެވެ. އެމައްސަލަ ބެލުމަށްފަހު ބަންގްލަދޭޝް ފުލުހުން ނިންމާފައިވަނީ ރައުދާގެ މަރުގައި އާދަޔާ ހިލާފް ކަމެއް ފާހަގަވާން ނެތް ކަމަށެވެ. އަދި އޭނާ މަރުވީ އަމިއްލައަށް ކަމަށާއި އޭނާ އެކަންތައް ކުރީ އޭނާގެ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށް ވަނީ ބުނެފައެވެ. ރައުދާ ދަންޖެހިގެން މަރުވީ އަމިއްލައަށް ކަމަށް އޮޓޮޕްސީ ރިޕޯޓުންވެސް ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.