ކުރީގެ ނާއިބުރައީސް އަހުމަދު އަދީބުގެ ޝަރީއަތް ލައިވްކޮށް ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން މުރާޖައާކުރުމަށް އެކޯޓުން ނިންމައިފިއެވެ.

އަދީބާ ދެކޮޅަށް ދައުވާކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް 2014 އާއި 2015 ގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަނާއި ޚިޔާނާތާއި، މަނީ ލޯންޑަރިންގެ އަމަލުތަކުގެ މައްސަލައިގައެވެ.

މި މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް މިއަދު ވަނީ ފަށާފައެވެ. އެގޮތުން އިބްތިދާއީ މަރުހަލާ ފެށުމުގެ ކުރިން ދައުލަތުން ވަނީ އަދީބުގެ ޝަރީއަތް ލައިވް ކުރަން ދައުލަތުން މީގެ ކުރިން އެދުނު އެދުމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އަދީބުގެ ޝަރީއަތް ލައިވް ކުރަން އެދި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީއަށް ޖަވާބެއް ނުލިބިގެން އަނެއްކާވެސް ސިޓީއެއް ފޮނުވި ކަމަށާއި ސިޓީތަކަށް ކޯޓުން ޖަވާބު ދިނީ މިއަދު ޝަރީއަތް ފަށަން ގަޑިއެއްހާއިރަށް ވެފައި ވަނިކޮށް ކަމަށެވެ.

ކޯޓުން ފޮނުވި ޖަވާބު ސިޓީގައިވާ ގޮތުން އަދީބުގެ ޝަރީއަތް ލައިވް ނުކުރަން ކޯޓުން ވަނީ ނިންމާފައެވެ. އެހެންކަމުން ކޯޓުގެ ނިންމުން މުރާޖައާކޮށްދިނުމަށް ދައުލަތުން ވަނީ ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ.

ރައީސް ޔާމީންގެ މައްސަލައަކީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށް ވުމުން، އެމަނިކުފާނުގެ ޝަރީއަތް ލައިވްކޮށް ކުރިއަށްގެންދާއިރު، އަދީބުގެ ޝަރީއަތް ވެސް ލައިވްކޮށް އާންމުންނަށް ފެންނަ ގޮތް ހަދަންޖެހޭ ކަމަށް ދައުލަތުގެ ފަރާތުން ދެކޭ ކަަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުން މިކަމަށް އެދިފައިވާއިރު އަދީބުގެ ފަރާތުން ވެސް ވަނީ ޝަރީއަތް ލައިވްކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އަދީބުގެ ވަކީލު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ގިނަ ބައެއްގެ ބައިވެރިވުން އޮތް ކަމަކަށްވާއިރު، އާންމުންނަށް މި ޝަރީއަތް ދާގޮތް އެނގުން ވަަރަށް މުހިންމު ކަމަށް ކޯޓުގައި ވެސް ވިދާޅުވެފައެވެ.

ދެފަރާތުގެ ވާހަކައަށް ރިއާޔަތްކޮށް ގާޒީ ވަނީ ޝަރީއަތް ލައިވްނުކުރަން ނިންމެވި ނިންމެވުން މުރާޖައާ ކުރުމަށް ނިންމަވާފައެވެ. ލައިވްކުރުމާމެދު ގާޒީންގެ މަޖިލީހުގެ ރައުޔު ހޯއްދެވުމަށްފަހު އަނެއްކާވެސް ގޮތެއް ނިންމަވާނެ ކަމަށާއި ޝަރީއަތުގެ އިބްތިދާއީ މަރުހަލާ ފަށާނީ ލައިވްކުރުމާމެދު ގޮތެއް ނިންމުމަށްފަހު ކަަމަށް ގާޒީ ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާއަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއެވެ.

މީގެ ކުރިންވެސް ޚިޔާނާތުގެ މައްސަލާގައި އަދީބަށް ދައުވާ އުފުލައި ވަނީ އަށް އަހަރުގެ ޖަލުހުކުމެއް ވެސް އިއްވާފައެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކުރުމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށް މިހާރު ވަނީ ދައުލަތުން އެދިގެން ދައުވާ ބާތިލްކޮށްފައެވެ.