ރެނދުލުމާއި ގުޅިގެން ބަންދުކުރި ގައުމީ ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުގެ ސިޑިބަރިތައް ކުރިއަށް އޮތް ދެ މެޗުގައި ބޭނުންކުރެވޭނެ ގޮތެއްވޭތޯ ބެލި ނަމަވެސް، ސިޑިބަރިތައް ހުޅުވަން ހުއްދަ ނުދެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ޕްލޭނިން މިިނިސްޓްރީން ނެރުނު ރިޕޯޓަކަށް ރިއާޔަތްކޮށް ދަނޑުގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުގެ ސިޑިބަރިތައް ގުޅިފައިވާ އިމާރާތްތަކުގެ ތަނބުތަކާ ބެރިތައް އަދި ޝީޓުގައި ރެނދުލާފައި ހުރުމުގެ ސަބަބުން ސިޑިބަރިތައް ބަންދުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭގެ ފަހުން މިނިވަން ދުވަހުގެ ހަރަކާތްތަކުގައި އެ ސިޑިބަރިތައް ބޭނުންކުރި ނަމަވެސް، ގައުމީ ޓީމުން ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށްވެސް އެ ސިޑިބަރިތައް ބޭނުން ކޮށްފައެއް ނުވެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ގައުމީ ފުޓްބޯޅަ ޓީމު ކޮމިޓީގެ ޗެއާމަން އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވަނީ ކުރިއަށް އޮތް ދެ މެޗަށް ކޮންމެވެސް ގޮތަކުން އެ ސިޑިބަރިތައް އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު މިއަދު ވީސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މަހުލޫފް ވިދާޅުވީ ސިޑިބަރިތައް އަލުން ހުޅުވުމަށް މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމެއް ކުރަން ހުއްދަ ނުދެވޭނެ ކަމަށާއި، އެހެންކަމުން ސިޑިބަރިތައް ބޭނުންނުކުރެވޭނެކަން މިއަދު އެފްއޭއެމްއަށް އަންގާފައިވާނެ ކަމަށެވެ. އެކަމަކު ސިޑިބަރިތައް ބޭނުން ނުކުރެވުނަސް މި ދެ މެޗަށް އޮލިމްޕަހާއި ދިމާލުގައި ދަނޑު ބޭރުން ބޮޑު ސްކްރީން ހަރުކުރާނެ ކަމަށާއި، އޭރަށް ދަނޑަށް ނުވަދެވޭ ސަޕޯޓަރުންނަށްވެސް އެ މާހައުލުގައި މެޗު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި މިމަހުގެ 14 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ޕިލިޕީންސްއާ ދެކޮޅަށް ކުޅޭނެއެވެ. އަދި 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭނެއެވެ.