ގދ. ތިނަދޫގައި ހަދާ ޓާރޝަރީ ހޮސްޕިޓަލަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ސިއްހީ ދާއިރާއަށް 4،108 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން 3،541 މިލިޔަން ރުފިޔާ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމަނާފައި ވާއިރު އޭގެ ތެރޭގައި މެޑިކަލް ކޮންސިއުމަބަލްސް އާއި މުއައްޒަފުންނަށް ހިނގާގެ ޚަރަދާއި އެހެނިހެން ރިކަރަންޓް ހަރަދުތައް ހިމެނެއެވެ.

އެގޮތުން ތިނަދޫގައި ހަދާ ޓާޝަރީ ހޮސްޕިޓަލަށް ކަނޑައަޅާފައިވާ 90 މިލިޔަން ރުފިޔާ ވަނީ ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިމެނޭ 566 މިލިޔަން ރުފިޔާގެ ތެރޭގައި ހިމަނާފައެވެ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ހެދުމަށް ބޭނުންވާ ބިން މިހާރު ވަނީ ކަނޑައަޅައި ނިމިފައެވެ. އެގޮތުން ހޮސްޕިޓަލް އެޅުމަށް އެރަށުގެ އުތުރު ފަރާތު ހިއްކި ބިމުން ތިން ލައްކަ އަކަފޫޓަށް ވުރެ ކުޑަނޫން ބިމެއް ވެސް ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ތިނަދޫގައި ހަދާ ޓާޝަރީ ހޮސްޕިޓަލްގެ ސަބަބުން ތިނަދޫ އާއި އެ އަތޮޅުގެ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.

މީގެ އިތުރަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ކެޕިޓަލް ޚަރަދުގެ ތެރެއިން 51 މިލިޔަން ރުފިޔާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމައި ވަނީ ހިމަނާފައެވެ. އަދި އެކި ރަށްރަށުގައި ސިއްޚީ ޚިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީކުރުމާއި ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް 184 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.