ބަންގްލަދޭޝްގެ ޕްރިމިއާ ލީގްގައި ވާދަ ކުރާ ސައިފް ސްޕޯޓިން ކްލަބާއި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވެ އެ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސައިފްއާ ހަވާލުވާން، ނިޒާމްބެ ބަނގްލަދޭޝްއަށް ގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ސައިފްއާއެކު ނިޒާމްބެ އިއްޔެ އެއްބަސްވުމުގައި ސޮއިކުރީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް އިރުޝާދު ދެމުންދިޔަ ނިޒާމްބެ ބަންގްލަދޭޝްގެ ކްލަބާއި ހަވާލުވިއިރު މިއީ ރާއްޖޭގެ ކޯޗަކު ބޭރުގެ ގައުމެއްގެ އެންމެ މަތީ ޑިވިޝަނުގެ ޓީމަކާ ހަވާލުވި ފުރަތަމަ ފަހަރެވެ.

ސައިފް ސްޕޯޓިން ކްލަބުން ބުނެފައިވަނީ އެ ޓީމުގެ ކޯޗަކަށް ނިޒާމްބެ ހަމަޖައްސާފައި ވަނީ ކޯޗެއްގެ ގޮތުގައި އޭނާ ކޮށްފައިވާ މަސައްކަތަށް ބެލުމަށް ފަހު ކަމަށެވެ.

ނިޒާމްބެ ވަނީ އޭއެފްސީ ކަޕް ކޮލިފިކޭޝަނުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއެކު ސައިފް ސްޕޯޓިން ކްލަބުގެ މައްޗަށް މީގެކުރިން ކުރިހޯދާފައެވެ. ނިޒާމްބެގެ ކޯޗުކަމުގެ ދަށުން ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ބަންގްލަދޭޝްގައި 2017 ވަނަ އަހަރު ބޭއްވި ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

ސޮއިކުރުމަށްފަހު ބަންގާޅު މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ނިޒާމްބެ ބުނީ ސައިފް ސްޕޯޓިންގެ ހުށައެޅުން ގަބޫލުކުރީ އެއީ މުސްތަގުބަލް އޮތް ޓީީމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އަބަދުވެސް އަމާޒަކީ މޮޅެއް ހޯދުން ކަމަށާއި ސައިފްއާއެކު އެ ކާމިޔާބީތައް ހޯދޭނެ ކަމަށެވެ.

ބަންގުލަދޭޝް ޕްރިމިއާ ލީގު ފަށުމަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ މަހުއެވެ. މި ލީގަކީ ފަހަކަށް އައިސް މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުން އަންނަ ލީގެކެވެ.

12 ކްލަބު ވާދަކުރާ މި ލީގުގައި ރާއްޖޭގެ ނިއުރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް މަސައްކަތްކުރެއެވެ. މިދިޔަ ސީޒަނުގައި ސައިފް ސްޕޯޓިން ކުލަބުން ލީގު ނިންމާލީ ތާވަލުގެ ހަތަރުވަނައިގައެވެ. ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އޮސްކާ ބުރުޒޮން ކޯޗުކޮށްދޭ ބަށުންދަރާ ކިންގްސް އެވެ.