އެއްވެސް ހުކުމެއްނެތި، ޝަރީއަތެއް ނުކޮށް ޖަލުތަކުގައި ތިބޭ މީހުންގެ ތެރެއިން، ޖަލުގައި މިގޮތަށްް އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވާ މީހާ ޖަލުގައި އޮންނަތާ މިހާރު 7 އަހަރު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

އޭނާގެ އިތުރަށްވެސް ކުށެއްނެތް އެތައް ބަޔަކު، އެއްވެސް ހުކުމެއްވެސްނެތި ޖަލުގައި ހަތަރުފަސް އަހަރުވަންދެން އެބަތިބިކަން މެންބަރު ޖީހާން ވަނީ ފާހަގަ ކުރައްވާފައެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މެންބަރުން ވަނީ، ހުކުމެއްނެތި ޖަލުގައި ބަންދުކޮށްފައިތިބި މީހުންނާމެދު މިއަދާއި ހަމައަށްވެސް އެއްވެސް ޝަރީއަތެއްވެސް ނުކުރެވި އަދި މައްސަލައެއް ނުބެލޭކަމީ ރާއްޖޭގެ ކޯޓުތަކާއި، ޖަލުގެ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ އިހުމާލުވުން ބޮޑުކަން ހާމަވާކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ރައީސް ސާލިހުގެ ރިޔާސީ ވައުދާއި އެއްގޮތަށް ޖަލު އޮޑިޓް ކުރުމަށް ކޮމިޝަނެއް އުފައްދަވައި 290 ސޮފްހާގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓެއް ވަނީ އެކުލަވާލާފައެވެ.

މި ރިޕޯޓްގައި، ޖަލުތަކުގައި އިސްލާހުކުރަންޖެހޭ 180 އަށްވުރެ ގިނަ ކަންކަން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހުކުމެއްނެތި ޖަލުތަކުގައި ބައިތިއްބާފައި ތިބި މީހުންގެ މައްސަލަތަކާއި، ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ ގާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ގާނޫނުގެ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށްލާފައި ބޭތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަަގަކޮށްފައެވެ.

މެއި މަހުގެ ތެރޭގައި މިރިޕޯޓް އާއްމުކޮށްފައިވާއިރު، މިކަންކަން ހައްލުކުރުމަށް ހަމަސްދުވަހަށްވުރެ ގިނަ ދުވަސް މިހާތަނަށް ވެފައިވުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާދާރުކަމާ މެދު ސުވާލު އުފެދޭކަމެއް ކަމަށް ކޮމިޓީގައި ތިއްބެވި މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިފަދަ މައްސަލަތައް އަވަސްކޮށްދިނުމަށް އެދި މިދިޔަ 6 މަސްދުވަހުގެ ތެރޭ 120 އަށްވުރެ ގިނަ ސިޓީ ކޯޓްތަކަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ޕިޖީ އޮފީހުން ފޮނުވި ސިޓީގައިވަނީ، ޖަލުތަކުގައި ތިބި މިފަދަ މީހުންގެ މައްސަލަތައް ދެނެގަނެ، އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ. ޕީޖީ އޮފީހުގެ މިސިޓީއާއި ގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ކުށެއް ކުރެވިފައިވާ މީހަކަށް އެމީހަކަށް ކުރެވިފައިވަނީ ކޮން ކުށެއްކަން ދޭހަވާނޭ ގޮތަކަށް ލަސްނުކޮށް އަންގަންޖެހެއެވެ. އަދި އެކަށީގެންވާ މުއްދަތެއްގައި އެމީހަކާމެދު ޝަރީއަތްކޮށް ނިންމަންޖެހޭނެ ކަމަށާއި ހަމައެހެންމެ އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާކަން ވަނީ ބަޔާންކޮށްފައެވެ.