އެއްވެސް މީހެއްގެ މައްސަލައަކީ ވަކި ވަގުތެއްގައި ފެންމަތިވާ މައްސަލައަކަށް ވެގެން ނުވަތަ އެއީ ވަކި މަގާމެއްގައި ހުރި މީހަކަށް ވެގެން އެމީހެއްގެ މައްސަލަ ނުބަލައި ދޫކޮށްލާނެ ކަމަށް ހީނުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ހައިކޯޓަށް އަލަށް އައްޔަން ކުރި ދެ ފަނޑިޔާރުން ކަމަށްވާ ހާތިފް ހިލްމީ އާއި ހުސެއިން މަޒީދު ފަނޑިޔާރު ކަމުގެ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ މެންބަރު ހިސާން ވިދާޅުވީ ފަނޑިޔާރުންގެ ޒިންމާ އަކީ ހަމައެކަނި ޤާނޫނު އަސާސީގައި ވާގޮތުގެ މަތިން ވަކި ފަރާތަކަށް ނުޖެހި އިންސާފު ގާއިމުކޮށްދިނުން ކަމަށެވެ. ހިސާން ވިދާޅުވީ އެންމެންނަކީ ވެސް މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި މެދު ޖަވާބުދާރީވާން ޖެހޭނެ ބައެއް ކަމަށާއި ޖަވާބުދާރީ ކުރުވޭނެ ބައެއް ކަމަށެވެ. އަދި އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރަށް ހިސާން ވިދާޅުވީ ގާނޫނު ބައްޓަން ކުރުމާއި ދައުލަތުގެ ހިންގުމުގެ އޮނިގަނޑު ނުވަތަ ނިޒާމް ބައްޓަން ކުރުމުގެ މަސްއޫލިއްޔަތު ފަނޑިޔާރުންނަށް ނެތް ކަމަށެވެ. އަދި ފަނޑިޔާރުގެތައް އިސްލާހުކޮށް އެތަނަކީ ރައްޔިތުންނަށް އިތުބާރު ހިފޭ ތަނަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލްވުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އަދުލު އިންސާފަށް ލޯބިކުރާ ނަަޒާހާތްތެރި ފަނޑިޔާރުންތަކެއް ކޯޓުތަކަށް އައްޔަން ކުރުން ކަމަށް ހިސާން ވިދާޅުވިއެވެ. މީގެ އިތުރަށް ހިސާން ވިދާޅުވީ ފަނޑިޔާރުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ މި އަމާޒަށް ވާސިލުވުމަށް ފުރިހަމަ އެއްބާރުލުންދީ ނަޒާހާތްތެރިކަމާއެކު މަސައްކަތް ކުރާ ބޭފުޅުން ކަމަށެވެ.

އެހެންނަމަވެސް ފަނޑިޔާރުގެތަކަށް ހިޔަނި އެޅިފައި ވަނީ ޤާނޫނާއި ޚިލާފުވާ މަދު ބައެއްގެ ސަބަބުންކަން ހިސާން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖޭއެސްސީގެ ދަށަށް ބަދަލުކޮށް ޝަރުއީ ދާއިރާގެ އިދާރީ ހިންގުމަށް ގެންނަ ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއް ކަމަށް ވިދާޅުވިއެވެ. އަދި ޖޭއެސްސީގެ ދުސްތޫރީ ޒިންމާތައް އަދާކުރުންމަތީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.