ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެކަމުގެ ކަށަވަރުކަން ދިނުމަށް މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބެއްވި ފަރާތްތަކުން އެދިވަޑައިގެންނެވި ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ތުހުމަތުކުރައްވައިފި އެވެ.

ގާޒީ ހައިލަމް ނެރުއްވާފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސީދާގޮތުންނާއި ނުސީދާގޮތުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށެވެ. އެގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ބުނެ މެސެޖުކޮށްގެންނާއި ގުޅައިގެން އަދި ދަންނަ މީހުން މެދުވެރިކޮށް ވެސް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރެވޭނެކަމުގެ ޔަގީންކަން ދެވޭނެކަން ދިނުމަށް އެދިފައިވާކަމަށް ހައިލަމް ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް އެ ބަޔާނުގައި ވަނީ، އެޔަގީންކަން ނުދެވޭނެކަމަށް ބުނުމުން މީގެ ކުރިން ހައިލަމް އާއި އަލްހާން ފަހުމީ އާއި ދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކުގެ މައްސަލަ އެބައޮތް ކަމަށާއި ހުކުމުގެ ކަށަވަރުކަން ނުލިބޭނަމަ އެމައްސަލަ ބަލާނެކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ. އަދި އެ ނުފޫޒު އެގޮތަށް ހިނގަމުންދާކަން ކްރިމިނަލް ކޯޓުގެ ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީއަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވަނީ ބަޔާނުގައި ވިދާޅުވެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ހައިލަމާއި އަލްހާނަކީ ވަރަށް ކުރީއްސުރެވެސް ގާތް ރަހްމަތެރިން ކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަނީ ހައިލަމަށް އަލްހާން 200،000ރ. ދީފައިވާ ކަމަށް ފުލުހުން ހުށަހަޅާފައިވާ މައްސަލައެކެވެ. އެކަމާ ގުޅިގެން އަލްހާން ބުނެފައި ވަނީ އެއީ އޭނާ ހައިލަމަށް ދެއްވި ލޯނެއް ކަމަށެވެ. އަދި ހައިލަމް ވަނީ އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގައިކަމަށާއި އަލްހާނަކީ އެއްވެސް ކަަމަަކު އެ ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ.

އަދި އެއީ ކިހިނެއް ހިނގައިދިޔަ ކަމެއްކަން ފުލުހުންނަށް މީގެ ކުރިންވެސް ކިޔައިދީފައި ވާނެ ކަމަށާއި އެކަމުގައި ޖިނާއީ އެއްވެސް މައްސަލައެއް ހިމެނިފައި ނުވާތީ އެ މައްސަލަ ނުބަލަން ފުލުހުން ނިންމާފައިވާ ކަމަށްވެސް ހައިލަމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މައްސަލަ އެގޮތަށް ނިމިފައި ވަނިކޮށް އެބޭފުޅާއަށް ރަނގަޅަށް ބަލައިނުލެވި އޮފިޝަލް ވައިބަރ ގްރޫޕަކަށް ފޮޓޯއެއް ލެވިވާތީ އަދިވެސް އެއްފަހަރު އެކަމަށް މައާފަށް އެދޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޖޭެއެސްސީ އިން ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައި ވަނީ ކުރިމިނަލް ކޯޓުގެ އޮފިޝަލް ވައިބަރ ގްރޫޕަކަށް ފޮނުވި ފޮޓޯއަކާ ގުޅިގެންނެވެ. އެ ފޮޓޯއަކީ ނަޞްރުގެ ދުަވަހުގެ ތަހުނިޔާ ކިޔުމަށް ފޮނުވި މެސެޖެކެވެ. އެފޮޓޯގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ބައެއް މީހުން ސިފަވާގޮތަށް ކަރުގައި ޗޭނު ޖަހާފައި ވަނިކޮށް ކުރަހާފައިވާ ކާޓޫން އެވެ.

އެފޮޓޯ ގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައިވެސް މެންބަރުން ބަހުސްކޮށް މަޖިލިސްގެ ތަޅުން ހޫނުވެފައި ހައިލަމް ވަނީ އެކަމަށް މައާފަށް އެދި ބަޔާނެއް ނެރުއްވާފައެވެ. ނަމަވެސް އެ މައްސަލައިގައި ގާޒީ ހައިލަމް ސަސްޕެންޑްކޮށް ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދު އާއި ވަނީ ހަވާލުކޮށްފައެވެ.